ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މަސްވެރިން ފާހަގަކުރާ އެއް ކަންބޮޑުވުމަކީ ބޮޑު ކަންނެލި ވިއްކުމަށްފަހު ފައިސާ ލިބުމުގައި ލަސްވުން ކަމަށެވެ. އެގޮތުން ބޮޑު ކަންނެލި މިހާރު ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި މަސް ގަތުމަށްފަހު ބައެއް ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 މިލިޔަން ރުފިޔާއަށް އަރާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށް ކަމަށެވެ. އެހެންކަމުން މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ މިވަނީ ހޯދާފައި. އެޗްޑީސީން ބިން ލިބުނީ އިއްޔެ. އައިއެސްޖީބީއާ މަޝްވަރާކުރީ. ފަންޑު ވެސް ހަމަޖެހުނު. އަވަހަށް ފަށަންވެގެން އަޅުގަނޑުމެން މި ނިންމީ ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދަން. ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި އިކޮނޮމިކް ކައުންސިލަށްވާނީ ފޮނުވިފައި. ކަރުދާސް ނިމި ކޮންޓްރެކްޓަރާ އެއްކޮށް ސޮއިކުރުމަށްފަހު ޖެނުއަރީ މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށޭނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ދެވަނަ ކަންބޮޑުވުމަކީ އަގުހެޔޮކޮށް ތެޔޮ ނުލިބުން ކަމަށެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކޮށް އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކޮންމެ އަތޮޅަކުން މަދުވެގެން ކޮންމެވެސް އެއް ރަށަކުން ތެޔޮ ފޯރުކޮށްދޭނެ. މި ސްކިޓްތައް ޤާއިމުކުރޭވޭނެ. ހުރިހާ ބާވަތެއްގެ މަސްވެރިކަންކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެ ހެޔޮ އަގުގައި." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ، މި ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމެވެ. މިހާތަނަށްވެސް ސަރުކާރުން ވަނީ މަސްވެރިންގެ އެތައް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެވެ. އެގޮތުން މިދިޔަ ސަރުކާރުން ނުއަގުގައި މަސް ގަނެ، އެއަށްވާ ފައިސާ ނުދީ އެތައް ދުވަހެއް ހިފެހެއްޓި ނަމަވެސް، އެ ފައިސާ މަސްވެރިންނަށްދީ، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ލޮނުފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ނިޒާމު އޮޑިފަހަރުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.