ޚަބަރު

ދޮގު ވާހަކަތަކުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅޭ- ޒަމީރު


ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރާ ދޮގުވާހަކަތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސްއެޅެމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއެއްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ޙަޤީޤަތާ ޚިލާފް ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ. އެގޮތުން ބަޔަކު ޓޫރިޒަމް ބޮއިކޮޓްކުރުމަށް ރާއްޖޭން ބޭރުގައި ގޮވާލަމުން ގެންދާކަން ގެންދިއުމަށް އިޝާރާތްކުރައްވައި، އެކަންތައް ހުއްޓުވުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ޓޫރިޒަމްއަށް ގެއްލުންވިޔަނުދީ ހިފަހައްޓަވާފައިވާކަމަށެވެ. އަދި އޭގެފަހުން ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ތަނެއްކަމަށް ބުނެ ޓޫރިސްޓުން ރާއްޖެ އަޔަނުދީ ބިރުދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުންވެސް ރާއްޖޭގެ އިޤްތިޞާދު ކުރިއަރަންވީ ވަރަށް ކުރިއަރާފައި ނުވާކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ ޕޮލިސީތައް ރަނގަޅުވުމުގެ ސަބަބުން ޓޫރިޒަމްއަށް ކުރިއެރުންތަކެއް ގެނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/2741.jpeg|ޕީޕީއެމް ގެ ނައިބް ރައީސް އަބްދުއްރަހީމް

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މިފަދަ ވާހަކަދައްކަވާ ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތުން އެބޭފުޅުން ރައްޔިތުންނަށް ހެޔޮއެދިވަޑައި ނުގަންނަވާކަން ސާފުވާކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ސަރުކާރަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށާއި ރާއްޖޭން ބޭރުގައި ތިއްބަވައިގެން ޙަޤީޤަތާ ޚިލާފް ވާހަކަތައް ދެއްކެވެމުގެ ބަދަލުގައި ޤައުމަށް ވަޑައިގެން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބަވައިގެން ސަރުކާރު ޖަވާބުދާރީ ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އަބްދުލްރަހީމް ގޮވާލެއްވިއެވެ. އަދި މަގުމަތިން ސަރުކާރު ވައްޓާލުމުގެ ފުރުޞަތެއް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.