ޚަބަރު

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރ ކޯސް 32 ބައިވެރިން ފުރިހަމަކޮށްފި


  • ސެޓިފިކެޓް 1 އިން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް ޓީމު މެނޭޖްމެންޓް ކޯސް ނިންމީ 32 ބައިވެރިން

  • އެސޯސިއޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވި

ސެޓިފިކެޓް 1 އިން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް ޓީމު މެނޭޖްމެންޓް ކޯސް ނިންމި ބައިވެރިންނާ ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓްކޮށްފައިވާ އެ ކޯސް ނިންމާފައިވަނީ 32 ބައިވެރިންނެވެ. އެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ.

މި ކޯސް ނިންމި ބައިވެރިންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ އެސޯސިއޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރުކުރުމާއި، ކުޅިވަރު ހިންގުމުގެ ދާއިރާ ގައުމީ ފެންވަރެއްގައި ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ކުޅިވަރުގެ ދާއިރާގައި ކާމިޔާބު ހޯދުމަށް މައިގަނޑު ތަނބަކީ އެދެވޭ ގޮތެއްގައި މުއާމަލާތްކުރުންކަމަށާއި އެކަމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި އެކި އެސޯސިއޭޝަންތައް ހިންގުމުގައި ހަރަކާތްތެރިވާ އެކި ފަންތީގެ މުވައްޒަފުން ބައިވެރިވިއެވެ.

މިއީ ކުޅިވަރު އިދާރާތައް ހިންގުން ހަރުދަނާ ކުރުމާއި، ހިންގުމުގެ ދާއިރާގައި ދިމާވާ ކަންކަން ހައްލުކޮށް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގުނު ކޯހެކެވެ.