ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 30 ދުވަސް


  • ހައްޔަރުކޮށްފައިވަނީ، 32 އަހަރުގެ އަންހެނެއް

  • 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވޭ

އުމުރުން 64 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ހުށަހަޅާފައިވެއެވެ. މިހަމަނުޖެހުން ހިނގާފައިވަނީ، 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްކަން އެނގިފައިވާ ކަމަށެވެ.