ސިއްހަތު

ޞިއްޙީ ދާއިރާ ތަރައްޤީކުރަން 6 މިލިއަން ރުފިޔާގެ 5 މަޝްރޫޢުއެއް


ސަރުކާރުގެ ޞިއްޙީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 21 ވަޢުދުގެ ތެރެއިން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނަގޅުކޮށް އެފަރާތްތަކަށް ދޭ ޚިދްމަތްތައް ރަނގަޅުފެންވަރެއްގައި ފޯރުކޮށްދިނުމަކީ މީގެތެރެއިން އެއްވަޢުދެވެ. މިވަޢުދުތައް ފުއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ސަރުކާރުން ގެންދަވަނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބޮޑެތި މަރާމާތުތައް ކުރެއްވުމާއި، އެ މަރުކަޒު އަޕްގްރޭޑްކުރެއްވުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަރުކަޒުގެ ކަންކަން ރަނގަޅުކުރެއްވުމަށް އިމާރާތްތައް މަރާމާތުކުރެއްވުމުގެ އިތުރަށް ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ތަނުގެ ބޭނުން ފަސޭހައިން ހިފޭފަދަ ގޮތަކަށް ޢިމާރާތްތައް ބަދަލުކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން ބޭނުންނުކުރެވި ހުރި 5 ނަންބަރުގެ ވޯޑުގެ ފުރަތަމަ ބުރި ފުރިހަމަކުރުމުގެ މަސައްކަތާއި، 2 އަދި 3 ވަނަ ވޯޑުގެ ފާޚާނާތައް މަރާމާތުގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14727084540468.jpg|ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމުގެ މަޝްރުއޫތަކުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ހެލްތް މިނިސްޓްރީ

މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 2 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުވާނެއެވެ. ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޖާގަ އިތުރުކުރެއްވުމުގެ ގޮތުން 6، 2 އަދި 3 ނަންބަރު ވޯޑު މަރާމާތުކުރުމާއި، ޖާގައިގެ ދަތިކަން ދިމާވަމުންދާތީ އިތުރަށް ޖާގަ ތަނަވަސްކުރެއްވުމުގެ ގޮތުން 5 ނަންބަރު ވޯޑުގެ ތިރި ވޯޑަކަށް ހެއްދެވުމަށް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލުކުރައްވާފައެވެ. މި މަސައްކަތަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ޤާއިމްކުރައްވާފައިވާ އެއްވަނަ ދަރަޖައިގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން 8 މަރުކަޒަށް އެމަރުކަޒުތަކުން ނައްތާލަންޖެހޭ މެޑިލް ވޭސްޓް ނައްތާލެއްވުމަށް ބޭނުންކުރައްވާނެ މެޝިންތައް ހޯއްދެވުމަށް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލުކުރައްވާފައެވެ. މި މަސައްކަތަށް ހަތްސަތޭކަ ތިރީސް ހަހާސް ދައުލަތުގެ ބަޖެޓުން ޚަރަދުވާނެއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ޙަވާލުކުރެއްވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ މަޤްޞަދަކީ ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަކީ ރަނގަޅު ފެންވަރެއްގައި ހެދި އެތަނުގައި ތިބޭ މީހުންނަށް ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ ތަނަކަށް ހެއްދެވުންކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މިތަނުން ޚިދުމަތް ހޯދާ މީހުންނަށް ރަނގަޅު ފެންވަރެއްގައި ޚިދުމަތްދިނުން. ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު އެތަން ވަނީ ވަރަށްބޮޑަށް ވީރާނާވެ ހަލާކުވެފައި ވުމާއެކު އަޅުގަނޑުމެންގެ ސިއްޙީ ވައުދުގެ ތެރެއިން އަޅުގަނޑުމެން ކަށަވަރުކޮށްދޭން ބޭނުންވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއެކު އަޅާލުމަކީ އެންމެ ފުރަތަމައިނުން އެމީހުންނަށް ޚިދުމަތްދޭ މަރުކަޒުގެ ހިދުމަތް ރަނގަޅުވެގައި އޮތުން ކަމަށް. ވުމާއެކު އެތަނަށް ގެންނަންޖެހޭ އިންފްރާސްޓަރަކްޗަރގެ ބަދަލުތައް ގެނައުމާއި، ކުރިން އަޅުގަނޑު ދެންނެވިފަދައިން ބޯފެނާއި މަގާއި، ފާޚާނާކުރުމާއި މިހުރިހާ ވަޞީލަތްތައް އެތަނުގައި ޤާއިމްކޮށް އިރާދަކުރެއްވިއްޔާއި، މި ދެންނެވި ޕުރޮޖެކްޓްތައް ނިމޭއިރު މިއަހަރު ނިމޭހިސާބަށްދާއިރު ނުނީ މި އަންނަ އަހަރު ފެށޭ ހިސާބަށްދާއިރު ހުންނާނީ މިކަންކަން ޤާއިމްކޮށް ނިމިފައި." ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14727083620024.jpg|ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމުގެ މަޝްރުއޫތަކުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ހެލްތް މިނިސްޓްރީ

ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރޭގައި ވާޑްތަކަށް ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، ގޯތިތެރޭގައި ހިނގާބިގާ ނޫޅެވޭ ވަރުގެ ބަލިމީހުންނަށް ވީލް ޗެއަރގައި އެއްތަނުން އަނެއްތަނަށް ފަސޭހައިން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހާއްސަ މަގުތަކެއް ހެދުން ހިމެނެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި އެ މަރުކަޒަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެއްވުމުގެ މަސައްކަތަށް ހެޔޮއެދޭ ފަރާތްތަކުންވެސް އަންނަނީ އެހީތެރިކަން ދެމުންނެވެ.