ޚަބަރު

ޕްރޮކިއުމެންޓް ނިޒާމު ޑިޖިޓަލްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ހުޅުވޭ މުހިންމު ދޮރެއް: އޮޑިޓަރ ޖެނެރަލް


  • އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ލިޔެކިޔުމުގައި އޮޅުވާލުމުގެ މައްސަލަތައް

  • މިކަން ހުއްޓުވޭނީ ހުށައަޅައި ލިޔެކިޔުންތައް ޑިޖިޓަލްކުރެވިގެން

ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމު ޑިޖިޓަލްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ހުޅުވޭ މުހިންމު ދޮރެއްކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކާއި އޭސީސީން ހިންގާ ތަޙުޤީޤުތަކުން އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ލިޔެކިޔުމުގައި ހުންނަ އޮޅުވާލުމުގެ މައްސަލަތައް ކަމަށާއި، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެގެންދާ ކަމުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ ލިޔެކިޔުމުގައި އޮޅުވާލުން ނުވަތަ ޑޮކިއުމެންޓް ފްރޯޑްގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ލިޔެކިޔުން ހުށަހެޅުމާއި ބެލެހެއްޓުމާ ގުޅުންހުރި ނިޒާމުތައް ޑިޖިޓަލްކޮށްގެން ކަމަށެވެ. އެގޮތުން ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ޕްރޮކިއުމެންޓް ނިޒާމު މުޅިން ޑިޖިޓަލްކުރަންޖެހޭކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މޯލްޑިވްސް 2.0ގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގައިވެސް ހިމެނޭކަމެއްކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

"ޕްރޮކިއުމެންޓްގެ ކަންކަން ޑިޖިޓަލް ކުރެވިއްޖެނަމަ ނަޒާހަތްތެރިކަން ކަށަވަރުކުރަން ބޮޑު ބާރެއް ލިބޭނެ. ވާގޮތަކީ ލިޔެކިޔުން ނުހުރޭ މައްސަލައެއް ތަޙުޤީޤުކުރަން ބަލާއިރު. ލިޔެކިޔުން ހޯދަން ދަތި. ބިޑުކުރުމާއި ޑޮކިއުމެންޓް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހުށައެޅޭނަމަ ދެފުށްފެންނަ ގޮތަކަށް އެކަން ކުރެވޭނެ." ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެންނަންޖެހޭ ކަމަށެވެ. މިގޮތުން އެއް ކަމަކަށް ދައުލަތަށް ގެއްލޭ މުދާ އަލުން ހޯދުމުގައި ހުރި ދަތިކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިސަރޗް މެނުއަލްއާއި އޭސީސީގެ ޕޮލިސީ މެނުއަލްއާއި އެ ކޮމިޝަނުން އެކުލަވާލި މޮނިޓަރިން އަދި ކޮމްޕްލިއަންސް މެނުއަލް ވަނީ އިފްތިތާޙުކޮށްފައެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގައި ކޮރަޕްޝަން އެކުލެވޭ މިންވަރު ބެލުމަށް ހެދި ދިރާސާއަކާއި ކޮންފްލިކްޓް އޮފް އިންޓަރެސްޓް ގައިޑްލައިނެއް ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.