ލިވަޕޫލްގައި މީގެ ފަހުން ފޯވަޑް މުހައްމަދު ސަލާހް ކުޅޭނެކަން ޔަގީނެއްނޫން ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
އޭނާ މިހެން ބުނީ ސަލާހް މީގެ ދެ ދުވަސް ކުރިން ދީފައިވާ އިންޓަވިއުއާ ގުޅިގެން ޓީމުން ބާކީ ކުރުމަށްފަހު އެވެ. ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަމިލާނާ ދެކޮޅަށް ނެގި ޓީމުގައި ސަލާހް ހިމަނާފައި ނުވެ އެވެ. މި މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްލޮޓް ބުނީ ސަލާހް ވާހަކަތަކާމެދު އޭނާ ހައިރާންވާ ކަމަށެވެ.
"އެއްގޮތަކަށް ވެސް އޭނާ އެ ދެއްކި ވާހަކަތަކަކީ އެކަން ހިނގި ގޮތެއްނޫން. ބަސް ދަށަށް އެއްލާލައިފި ކަމަށް ބުނާ ވާހަކަގެ މާނައެއް ނޭނގޭ. (މިފަދަ ބައެއް ކަންކަން ކުޅުންތެރިން ކުރިޔަސް) އަހަރެން މި ހުންނަނީ މަޑުމަޑުން. އެކަމަކު އޭގެ މާނައަކީ އަހަރެން ދެރައީކީ ނޫން. ކުޅުންތެރިއަކު މިފަދަ ކަމެއް ކުރުމުން އެކަމާ ފިޔަވަޅު އަޅަން ޖެހޭނެ. އޭނާ ޓީމުގައި ނެތީ އެހެންވެ،" ސްލޮޓް ބުންޏެވެ.
ކޯޗު ބުނީ މީގެ ފަހުން ސަލާހް ލިވަޕޫލް ޓީމުގައި ކުޅޭނެކަން ޔަގީން ނުވާ ކަމަށާއި ކުޅުންތެރިޔާގެ ފަރާތުން ފެނުނު އަމަލާ ގުޅިގެން ލިވަޕޫލްގެ ކޯޗިން ޓީމަށް ވެސް ލިބުނީ ހައިރާންކަން ކަމަށެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ދުވަސްކޮޅަކު އޭނާ ޓީމަށް ނުނެގުން ކަމަށެވެ.
"އަހަރެންނާ އެއްކޮށް ގުޅުން ކެނޑިއްޖެކަމަށް އޭނާ ބުނާ ވާހަކައަކީ ރަނގަޅު ވާހަކައެއްނޫން. އެއީ އެގޮތަށް ހިނގާ ކަމެއް ވެސް ނޫން. އެއްވެސް ކުޅުންތެރިއަކު އޭނާ ޓީމަށް ނުނަގާނަމަ ކޯޗަކާ ގަޔާނުވާނެ. އެކަމަކު އަހަރެން އެފަދަ ބައެއް ނިންމުންތައް ނިންމަންޖެހޭ،" ސްލޮޓް ބުންޏެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ލިވަޕޫލްގެ ގޯލްކީޕަރު އަލިސަން ބެކާ ބުނީ މިދިޔަ ހަތް އަހަރު އޭނާއާއެކު ލިވަޕޫލަށް ކުޅުނު މިސުރުގެ ފޯވަޑް އިންޓަވިއުގެ ސަބަބުން ކޯޗަށް ޓީމު ކުޅުންތެރންގެ އިތުބާރު އެބައޮތް ކަމަށެވެ.
"ފަހަރުގައި މީގެ ސަބަބުން ޓީމު ތެރޭގައި ދެ ބަސްވުންތަކެއް އޮތުމަކީ ވެސް ވެދާނެ ކަމެއް. އެކަމަކު އަހަރެން ދެކޭ ގޮތުގައި ކޯޗަށް ކުޅުންތެރިންގެ އިތުބާރު އެބައޮތް. އަހަރެންނަކީ އޭގެ ތެރެއިން އެކަކު. (ކުރީގެ ކޯޗު) ޔާގެން ކްލޮޕަށް ފަހު ސްލޮޓް ކޯޗަކަށް އަންނަން އުޅުނު ވަގުތު ކުޅުންތެރިންގެ ތެރޭގައި ތަފާތު ވިސްނުންތަކެއް އޮތް. އެކަމަކު މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމާއެކު އޭނާ އަކީ އަހަރުމެން ގޮވައިގެން އެހެން ހަރުފަތަކަށް ދާނެ ކޯޗުކަމަށް އެންމެންވެސް އެއްބަސްވޭ،" އަލިސަން ބުންޏެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި މެޗުގެ ކުރިން ސްލޮޓަށް ޖަވާބުދޭން ޖެހުނު ސުވާލުތަކަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ އުނދަގޫ ސުވާލުތަކެކެވެ.