ކުޅިވަރު

ބޮންޑާ އީގަލްސް އަށް، ފާއްޓޭ ނިއު އަށް


ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އީގަލްސް އަށް އަދި މިޑްފީލްޑަރު މުހައްމަދު ފާސިރު (ފާއްޓޭ) ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށްފި އެވެ.

ކުރިން ނިއު އާއި ވެލެންސިއާ އަށް ވެސް ކުޅުނު ބޮންޑާ ކުޅުން ހުއްޓާލައިގެން ހުރުމަށްފަހު އަލުން ދަނޑުން ފެނުނީ ހުސްވި އަހަރު ބޭއްވި ގޯލްޑް ކަޕުގައި އޭނާގެ އުފަން އަތޮޅު އައްޑޫ ސިޓީގެ ޓީމުންނެވެ. ބޮންޑާ އީގަލްސް އަށް ސީޒަނުގެ ފަހު ބައިގައި ކުޅެން ނިންމިއިރު އެ ޓީމުގެ ކޯޗަކީ އޭނާގެ ގާތް ރަހުމަތްތެރިޔާ ކުރީގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

އޭނާ އީގަލްސް އަށް ބަދަލުވިއިރު އެ ޓީމުގެ އުއްމީދު ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ނިއު އަށް ބަދަލުވެފަ އެވެ. އޭނާ އަކީ ސީޒަނުގެ ފަހު ބަޔަށް ނިއު ވަރުގަދަ ކުރަން ގެންދިޔަ ތިން ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގައުމީ ޓީމާއި ބުރުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ގެންގޮސްފަ އެވެ.

އެންމެ ފަހުން ގެންދިޔައީ ފުޓްސަލް ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީ މިޑްފީލްޑަރު މުހައްމަދު ފާސިރެވެ. އޭނާ އަކީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ އެވެ. އަދި އޭނާ އަކީ މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ.

ދެ ވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ވެލެންސިއާއާ އެވެ މި މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.