ސިއްހަތު

ޑެންގީއަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން އިލްތިމާސް ކުރައްވައިފި


ވިއްސާރަމޫސުމާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުން ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުންދެއެވެ. އެގޮތުން ޖޫން، ޖުލައި އަދި އޮގަސްޓްމަހު ޑެންގީ ހުން ފެތުރުނު މިންވަރު ހުރީ ތިންސަތޭކަށްވުރެ މަތީގައެވެ. އެހެންނަމަވެސް، މިމަހު ޑެންގީ ހުންޖެހުނު މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ޑެންގީޖެހިގެން ރިޕޯޓްކުރި މީހުންގެ ޢަދަދަކީ 90 އެވެ. މިދިޔަ ހަފްތާގައި ޖުމްލަ 30 މީހުންނަށް ޑެންގީ ޖެހިގެން ރިކޯޑް ކުރެވިފައިވެއެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުގައި ވާގޮތުން ލ. ގަމުން ނުވަ މީހުން، ބ.އޭދަފުށިން 8 މީހުން އަދި މާލެ ސިޓީން އަށްމީހުން މިދިޔަ ހަފްތާގައި ފެނިފައިވެއެވެ.

ޑެންގީ ހުން ފެންނަ މިންވަރު މިދިޔަ 3 އަހަރަށްވުރެ ނިޞްބަތުން މަދުވެފައިވީ ނަމަވެސް، މިހާރު ރާއްޖޭއަށް ކުރަމުން މިދާ ވިއްސާރައިގައި މަދިރި އާލާވެދާނެ ޙާލަތު އިތުރުވާތީ، ޑެންގީ ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. އެއޭޖެންސީ ވަނީ ޑެންގީއަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

tw:https://twitter.com/HPA_MV/status/766128539854745600

މި ދުވަސްކޮޅު ރާއްޖޭގެ ބައެއް ރަށްތަކުން ޑެންގީހުން ޖެހޭ މީހުން ފެންނަމުންދާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. ޑެންގީ ޖެހޭ މީހުން ފެންނަމުންދާ ރަށްރަށުގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމާއި، ރައްޔިތުންނަށް ޑެންގީން ރައްކާތެރިވުމާބެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް އެޗްޕީއޭގެ  ލަފައާއެކު ރަށުކައުންސިލާއި ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތައް ގުޅިވަޑައިގެން ކުރިޔަށް ގެންދަވާކަމަށް އެޗް.ޕީއޭއިން މަޢުލޫމާތުދެއްވައެވެ.

ޑެންގީއިން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވުން ހުއްޓުވުމެވެ. މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަށް އެޗް.ޕީ.އޭއިން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ޑެންގީ ހުންޖެހޭ މިންވަރު މަދުކުރެއްވުމަށްޓަކައި، ރައްކާތެރިވުމުގެ ގޮތުން ދުރާލައި ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް، އެ އިދާރާއިން ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ޑެންގީއަށް ފަރުވާދިނުމާ ބެހޭގޮތުން ޑޮކްޓަރުންނާއި، ޞިއްޙީ އެހީތެރިންނާއި، ފަންނީ އިރުޝާދު، އެ އޭޖެންސީން ދެއްވަމުން ގެންދަވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

tw:https://twitter.com/HPA_MV/status/765043617585098753

އަތޮޅުތެރޭގައި ޞިއްޙީ ފަރުވާ ދެއްވާ ތަންތަނުގައިވެސް ޓެލެކޮންފަރެސްގެ ޒަރީޢާއިން މިފަދަ އިރުޝާދު ދެއްވައި، އަދި ޑެންގީއާބެހޭ މަޢުލޫމާތު ޙިއްޞާކުރައްވައި، ޑެންގީގެ މަޢުލޫމާތުތައް އެއްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެޗް.ޕީ.އޭން ވިދާޅުވެއެވެ.

މިއަހަރުގެ މިހާތަނަށް 1610 މީހުންނަށް ޑެންގީހުން ޖެހިފައިވާއިރު، މީގެތެރެއިން 484 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓް ކުރެވިފައިވަނީ މާލެ ޞަރަޙައްދުންނެވެ. އަދި 1126 ރިޕޯޓް ކުރެވިފައިވަނީ އަތޮޅުތަކުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން 3 މީހަކު ޑެންގީގައި މަރުވެފައިވެއެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ޖެހޭ އަދި ފެތުރޭ ހުމަކަށްވާތީ، މަދިރި ކޮންޓްރޯލްކުރުމުގެ ޤައުމީ ކެމްޕޭނެއް ފަށްޓަވައި، މާލެއާއި އަތޮޅުތެރޭގައި، މަދިރި އުފެދޭ ތަންތަން ނައްތާލެއްވުމުގެ މަސައްކަތް އެޗްޕީއޭއިން ގެންދަވަނީ ކުރައްވަމުންނެވެ.