ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލައިފި


  • މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖައްސާފައިވޭ

  • މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތްތައް ނިންމާ، އާއްމުކޮށް ހުޅުވާލައިފިއެވެ. ސެގްމެންޓު 1 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 ފިޔަވައްސަކަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ނިމިފައިމިވަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގައެވެ. ސެގްމަންޓް 1ގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ.

މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ. މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

އެމްޓީސީސީން ވިދާޅުވީ ދެން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެއްގެ މަސައްކަތްކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ.

ފޭސް 1ގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީވަމުންނެވެ.