ދޯހާ ފޯރަމް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ސިޔާސަތު ކަނޑައަޅައި އެކި ފަންތީގެ ޤައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ދުނިޔެއަށް ދިމާވަމުންދާ އެކި މައްސަލަތަކާ މެދު ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ މަޤުޞަދުގައި މިމަހުގެ 6 އިން 7 އަށް ކުރިއަށް ގެންދިޔަ ދޯހާ ފޯރަމް ބާއްވާފައިވަނީ ޤަރަތުގެ ވެރިރަށް ދޯހާގައެވެ.
ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްވަނީ، މި ފޯރަމްގެ ތެރެއިން ބޭއްވި މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންގެ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން "އަޕް ހޯލްޑިންގ އިންޓަރނޭޝަނަލް ޖަސްޓިސް ސިސްޓަމް އެންޑް ދަ ރޫލް އޮފް ލޯ"ގައި ބައިވެރިވެ ވަޑައިގެން ރާއްޖެއިން ޑިޕްލޮމެސީ ދެމެހެއްޓުމާއި، ޤާނޫނީ ވެރިކަމުގެ ބާރު ޤާއިމު ކުރުމާއި، ބައިނަލްއަޤުވާމީ އިންސާފު ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ދޯހާ ފޯރަމްގައި ބައިވެރިވުމުން ދޭހަކޮށްދެނީ ރާއްޖެއިން ޤައުމުތަކާއި ގުޅިގެން ބައިނަލްއަޤުވާމީ މައްސަލަތަކުގައި މަސައްކަތް ކުރަމުންދާކަން ކަމަށެވެ. އެގޮތުން ހިންގުމުގެ ދާއިރާއާއި، އިންސާފާއި ބައިނަލްއަޤުވާމީ އެއްބާރުލުން ޤާއިމު ކުރުމުގައި ކުރަމުންދާ މަސައްކަތް އެވުޒާރާއިން ފާހަގަކުރައްވައެވެ.
ޚާރިޖީ ވަޒީރު ދޯހާ ފޯރަމްއަށް ކުރެއްވި ދަތުރުފުޅުގައި، އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި، ދޯހާ އެމްބަސީއަށް ކަނޑައަޅުއްވާފައިވާ ޗާރޖް ޑި އެފެއާރޒް މުޙައްމަދު ދީދީއާއި، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް މިދްފާ ނަޢީމްއާއި، ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙްސީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.