ޖިނާއީ ތަޙުޤީޤެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔެކިޔުންތަކެއް ޑިލީޓްކުރި މައްސަލާގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ފަޒުލްގެ އިތުރުން އެޗްޑީސީގެ ކުރީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދުގެ މައްޗަށް ވަނީ ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު އުފުލާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދު، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ވެސް ބަޔާންކޮށްފައިވާކަމަށް ޕީޖީން ވިދާޅުވިއެވެ. އެހެންކަމުން އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ބިންވެރިޔާ ސްކީމްގެ އުސޫލުގެ ބޭރުން ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިމައްސަލަ ފެންމަތިވި ހިސާބުން އެޗްޑީސީގެ ޗެއަރމަން ފިޔަވައި ފަޒުލް ރަޝީދު ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރިއެވެ. އަދި ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފައިވެއެވެ. ސަސްޕެންޑްކޮށްފައި ހުއްޓާ މަޤާމުން ފަޒުލް އިސްތިއުފާދެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އެޗްޑީސީގެ އިތުރު ބައެއް މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވެއެވެ.