ދީން

ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ފިޔަވަޅުތަކެއް


މި ދުވައްވަރަކީ ޙައްޖު މޫސުން ކަމަށްވުމާއެކު، ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީޢަރަބިއްޔާއަށް ދާމީހުންނަށް، ލުއިފަސޭހަކޮށްދިނުމަށާއި، ރައްކާތެރިކަން ލިބިދިނުމަށް "ސަޢޫދީ ސިވިލް ޑިފެންސް" އިން އެޅި ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން، ކުއްލި ޙާލަތުގައި ޙަރަކާތްތެރިވުމަށް 17،000 މީހުން ވަނީ މަސައްކަތަށް ނެރެފައެވެ. އަދި ކުއްލި ޙާލަތްތަކުގައި ޙައްޖުވެރިންނަށް އެހީތެރިވެދޭނޭ މައި 4 ސެންޓަރެއް ޙަރަމްފުޅު ހިމެނޭ ސަރަޙައްދުގައި ޤާއިމްކޮށްފައިވާއިރު، މިއިން ކޮންމެ ސެންޓަރަކީވެސް ސަތޭކަހާހަށްވުރެ ގިނަ މީހުންގެ ޖާގައިގެ ސެންޓަރުތަކެއް ކަމަށް ސަޢޫދީ އޮފިޝަލުން ވިދާޅުވެއެވެ. އަދި ވަކިން ޚާއްޞަކޮށް ޢަރަފާތު ބިމާއި، ޖަބްލުއްރަޙްމާގައި ޙައްޖާޖީން ހޭދަކުރާ ވަގުތާއި، އަދި ރޭލުތަކުން ދަތުރުކުރާ ވަގުތު ތޮތްޖެހުން ބޮޑުވެ، ހިނގާފާނޭ ޙާދިސާއަކުން ޙައްޖުވެރިން ސަލާމަތްކުރުމަށާއި، އެހީތެރިވުމަށް 2000 މީހުން މަސައްކަތައް ނެރުމަށް ސަޢޫދީ ސިވިލް ޑިފެންސުން ވަނީ ނިންމާފައެވެ.

img:http://s2.psmnews.mv/images/660x400/14726538861160.jpg|ދިވެހި ޙައްޖާޖީންތަކެއް ތަވާފް ކުރަނީ- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ހަމަ އެއާއެކު، ސަޢޫދީ ސިވިލް ޑިފެންސުން ވަނީ ޙައްޖުވެރިންނަށް ދޭ ޚިދްމަތަތަކަކީ ރައްކާތެރި، އަދި ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަސޭހަވާނޭ ގޮތަށް އެންމެހައި އިންތިޒާމްތަކެއް ހަމަޖެއްސުމަށް ޚިދުމަތްދޭ ފަރާތްތަކަށް އަންގަވާފައެވެ. އެގޮތުން މިނާއާއި ޢަރަފާތުގައި ޙައްޖުވެރިންނަށް ހެލިފެލިވެއުޅުމަށް އެކަށޭނޭ ގޮތަށް ފޭލިގެތައް ޖެހުމަށާއި، ފޭލިގެތައް ހުންނަ ސަރަޙައްދުތަކުގައި ސެކިއުރިޓީ ގާރޑުން މެދުނުކެޑި ބައިތިއްބުމަށް އެތަންތަނަށް އަންގާފައިވެއެވެ. އަދި މިސެކިއުރިޓީ ގާރޑުން ވާންވާނީ ޢުމުރުން 20 އަހަރާއި، 55 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި، އަދި މިމީހުންނަކީ ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި، އަލިފާނުގެ ޙާދިސާއެއް ދިމާވެއްޖެނަމަ، އެކަންވެސް ޙައްލުކުރުމުގެ ޤާބިލްކަން ލިބިގެންވާ މީހުންގެގޮތުގައި ހެދުމަށް ސަޢޫދީ ޑިފެންސުން ވަނީ ޝަރުޠުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14726532805522.jpg|ޙައްޖުވެރިންތަކެއް މައްކާގައި - ފައިލް ފޮޓޯ: ޒިންހުއާ

މީގެ އިތުރުން މަދީނާގެ މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށާއި، ޙައްޖާޖީންނަށް އެހީތެރިވުމަށް ސަޢޫދީ ސިވިލް ޑިފެންސުން ވަނީ ދެހާހަށްވުރެ ގިނަ މަސައްކަތްތެރިން މަގުމައްޗަށް ނެރެފައެވެ. މިމީހުންގެ މަސައްކަތްތަކުގައި ފަޔަރފައިޓިންގް ވެހިކަލްތަކާއި، އެމްބިއުލެންސާއި، ސައިކަލާއި، ސިޑި ހަރުކުރެވިފައިވާ ކާރުތަކާއި، ފެންޓޭންކަރުތައް ހިމެނޭ ގޮތަށް 545 ވެހިކަލެއް ބޭނުން ކުރާނޭކަމަށް ސަޢޫދީ ސިވިލް ޑިފެންސުން ބުނެއެވެ.

ސަޢޫދީ ގެޒެޓަށް ދެއްވާފައިވާ ޚާއްޞަ އިންޓަވިއުއެއްގައި، މަދީނާގައި ހުންނަވާ ސަޢޫދީ ސިވިލް ޑިފެންސްގެ ޑިރެކްޓަރ، މޭޖަރ ޖެނެރަލް މަންސޫރު އަލް-ޖޮހާނީ ވިދާޅުވީ، މި މަސައްކަތްތެރިން ތިބޭނީ މަސްޖިދުއްނަބަވީ، ހިމެނޭ ޞަރަހައްދުތަކާއި، އަދި އެކިއެކި ޙާދިސާތަކާއި، އެކްސިޑެންޓުތައް ހިނގާފާނޭކަމަށް ބެލެވޭ ޞަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން މަދިނާގެ ތެރޭގައި މި ޚިދްމަތްތަކަށް ޚައްޞަކޮށްގެން 11 ޔުނިޓެއް ޤާއިމްކޮށް، އެމްބިއުލާންސާއި، އަލިފާނުން ރައްކާތެރިވުމާއި، އަދި އެހެނިހެން ޙާދިސާތަކުގައި، ކުއްލި ޙާލަތްތަކުގައި ޙަރަކާތެރިވެވޭވޭނޭ ގޮތަށް މިތަންތަނުގެ މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާކަމަށެވެ.