ސިއްހަތު

އައިޖީއެމްއެޗްގައި 6 ކުއްޖަކު ޒިކާއަށް ޓެސްޓް ކޮށްފި


ޒިކާ ވައިރަހަކީ ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާންޖެހޭ ފަދަ ޕަބްލިކް ހެލްތު އެމަޖެންސީއެއްގެ ގޮތުގައި ދުނިޔޭގޭ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ން ކަނޑައެޅީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

ޞިއްޙީ ދާއިރާގެ އެންމެ މަތީ ނިންމުން ނިންމާ ބައިނަލްއަޤްވާމީ ޖަމާޢަތުގެ މި ނިންމުމާއެކު ރާއްޖެއިންވެސް މިކަމަށް ސަމާލުވެ، އެ ޖަމްޢިއްޔާގެ މިނިންމުން ތަންފީޒްކުރައްވަން ދިވެހިސަރުކާރުން ފެއްޓެވިއެވެ. މިމަސައްކަތުގެ ދަށުން، ކަމާ ގުޅުން ހުރި މުއައްސަސާތަކާއި، ވުޒާރާތަކާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގެ އިސް މަސްޢޫލުވެރިން ހިމެނޭގޮތަށް އެކުލަވާލައްވާފައިވާ ޚާއްޞަ ޓާސްކްފޯހެއްގެ ބެލުމުގެ  ދަށުން، ޒިކާ ވައިރަހަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ވަކިން ޚާއްޞަކޮށް ހެލްތު ޕްރޮޓެންޝަން އޭޖެންސީން ފެއްޓެވި ސަވައިލެންސް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމުގެ މަސައްކަތް ފެއްޓެވިއެވެ.

img:http://s2.psmnews.mv/images/660x400/9089.jpg| ޒިކާ ވައިރަސްއާއި ގުޅުންހުރި ކަމަށް ބެލެވޭ މައިކްރޯސެފަލީ ބަލީގެ ޝިކާރައަކަށްވެފައިވާ ކުއްޖަކާއި އޭނާގެ މަންމަ - ފޮޓޯ: ޒިންގހުއާ ނިއުސް

ޒިކާ ވައިރަސް ހުރިކަން ޔަޤީންކުރެވިފައިވާ ބައެއް ޤައުމުތަކުން މިބަލިޖެހިފައިވާ މާބަނޑު މީހުން، ވިހާ ކުދިންގެ ބޯ އާދަޔާ ޚިލާފަށް ކުޑަކަން ފާހަގަކުރެވިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާތީ ވޭތުވެދިޔަ އަށްއަހަރު ރާއްޖޭގައި ވިހާފައިވާ ކުދިންނަށް މިފަދަ މައްސަލައެއް ދިމާވެފައިވޭތޯ ބެއްލެވުމަށް ސަރުކާރުން އޭރު ކުރެއްވި މަސައްކަތުގެ ދަށުން ރާއްޖޭގައި ޒިކާ ނެތްކަން ވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ކުރިޔަށްގެންދެވި ސަވައިލެންސް ޕްރޮގްރާމް ހުއްޓަވާނުލައްވައި، ޞިއްޙީ ޚިދްމަތްތެރިން ތަމްރީން ކުރައްވައި، އަދި ފަރުވާދެއްވަން ޖެހިއްޖެ ޙާލަތެއްގައި ބޭނުންކުރައްވާނޭ ގައިޑްލައިނެއް އެކުލަވާލައްވައި އެއަށް ޢަމަލު ކުރައްވަން ފެއްޓެވިއެވެ.

މިމަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަށް ވެގެން ދިއައީ ޒިކާ ވައިރަހަށް ތަޙްލީލުކުރެވޭނޭ އިންތިޒާމް ރާއްޖޭގައި ނެތުމެވެ. މިކަން ހަމަޖެއްސެވުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން މިމަހުގެ ދެވަނަ ދުވަހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓަރީގައި ވަނީ، ޒިކާއަށް ތަޙްލީލް ކުރެވޭ އެންމެ ޒަމާނީ ފެންވަރުގެ ޕީ.ސީ.އާރް މެޝިނެއް އިންސްޓޯލް ކުރައްވާފައެވެ. މިމެޝިނުން މިހާތަނަށް 6 ތުއްތު ކުއްޖަކު ޒިކާ ވައިރަހަށް ޓެސްޓްކުރައްވާފައިވާކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ. އެހޮސްޕިޓަލުން ވިދާޅުވާ ގޮތުގައި މި 6 ކުދިންނަކީވެސް މައިކްރޮސެފަލީ ގެ ބަލި ހުރި ކުދިންނެވެ. އެހެންނަމަވެސް މި 6 ކުދިންވެސް ޒިކާ ވައިރަހަށް ނެގެޓިވްވެފައިވާކަމަށް، އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14619433874180.jpg|ޒިކާ ވައިރަސް ފަތުރާ މަދިރިއެއް- ފޮޓޯ: ޒިންހުއާ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މި ޕީ.ސީ.އާރް މެޝިން އިންސްޓޯލްކުރައްވައި، މެޝް އޮޕަރޭޓްކުރައްވަން ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީން ކުރައްވާފައިވަނީ އެ ޖަމްޢިއްޔާއިން ކަމަށްވެސް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ ސަވައިލެންސް ޕްރޮގްރާމްގެ ދަށުންވެސް، މައިކްރޮ ސެފަލީއަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާކަމަށެވެ. އެ އޭޖެންސީން ވިދާޅުވީ، އަވަށްޓެރި ސިންގަޕޫރުން ގިނަ ޢަދަދެއްގެ ޒިކާކޭސްތައް ފެންނަމުންދާތީ، އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ.

ޑެންގީހުން ފަތުރާ އީޑީސް މަދިރިން ޖެހޭ ޒިކާ ވައިރަހަކީ ޑެންގީއާ ދާދި އެއްކަހަލަ ޢަލާމާތްތަކެއް ހުންނަ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އަދި މިހާތަނަށް އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން ހަމަ އެކަނި އެޅެން އަދި އޮތް ފިޔަވަޅަކީ މަދިރިން ރައްކާތެރިވުމެވެ. މިފަދަ ފިޔަވަޅު ތެރޭގައި މަދިރި އުފެދޭފަދަ ގޮތަކަށް ގެއާއި ގޯތި ތެރެއާއި، ރަށުތެރޭގައި ހުންނަ ތަކެތި ނައްތާލުމާއި، ހަށިގަނޑު ފޮރުވިފައި ހުންނަ ފަދަ ހެދުން އެޅުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވައެވެ.