އެމެރިކާގެ މޭޖަރ ލީގު ސޮކަރ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިންޓަރ މަޔާމީ އިން ހޯދައިފި އެވެ.
އިންޓަރ މަޔާމީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗޭސް ސްޓޭޑިއަމްގައި ވެންކޫވަރ ވައިޓްކެޕްސް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
2023 ވަނަ އަހަރު މޭޖަރ ލީގުގެ ކްލަބާއި ލިއޮނެލް މެސީ ގުޅުނުއިރު ތާވަލުގެ ފަހަތުގައި އޮތް އިންޓަރ މަޔާމީ އިން އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ މި ސީޒަނުގައި ޖުމްލަ 81 ލަނޑު ޖަހާފަ އެވެ.
މި މެޗުގައި އިންޓަރ މަޔާމީ އިން ކުރި ހޯދާފައިވަނީ މެޗުގެ އަށްވަނަ މިނިޓުގައި ވައިޓްކެޕްސްގެ އެޑިއާ އޮކަމްޕޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ނަމަވެސް މެޗުގެ 60 ވަނަ މިނިޓުގައި ޖަރުމަނުގެ މަޝްހޫރު ފޯވަޑް ތޯމަސް މުލާވެސް ކުޅެމުންދާ ވައިޓްކެޕްސްގެ އަލީ އަހުމަދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިންޓަރ މަޔާމީ އަށް މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދަދީފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ލިއޮނެލް މެސީ ދިން ޕާހަކުން ރޮޑްރިގޯ ޑިޕޯލް ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި މެސީގެ އިތުރު އެސިސްޓަކުން ޓަޑެއޯ އަލެންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.