ޚަބަރު

ވޭޕްގެ ބާވަތްތަކެއް ވިއްކި ބަޔަކު ހުއްޓުވައި، އެކަކު ޖޫރިމަނާކޮށްފި


  • ފުލުހުން ވަނީ، އުޅަނދަކާއި ގެއެއް ބަލައި ފާސްކޮށްފައި

  • ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވޭ

  • ގެއެއްގެ އެޕާރޓްމަންޓަކުން 59 ވޭޕް ފެނިފައިވޭ

ވޭޕްގެ ބާވަތްތަކެއް ވިއްކަމުން ދިޔަ ބަޔަކު ހުއްޓުވާ، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެއެވެ. އަދި ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވެއެވެ. މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވަނީ، ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ، މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އިލެކްޓްރޯނިކް ސިނގިރެޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން، މިހާތަނަށް 53،000 އަށްވުރެ ގިނަ ވޭޕް ސާމާނު ހިފެހެއްޓިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިދިޔަ މަހު ހާމަކޮށްފައިވެއެވެ.