"މައިކް މާސްޓާސް ޖޫނިއަރ" ޝޯގެ އޮޑިޝަންތައް ދައްކަން ފަށައިފިއެވެ.
"މައިކް މާސްޓާސް ޖޫނިއަރ" އަކީ މޯލްޑިވްސް މީޑިއާ އިންސްޓިޓުޓް އެމްއެމްއައިއާއި، ޓީވީ މޯލްޑިވްސްއާ ގުޅިގެން ޕްރެޒެންޓުކުރުމާއި، ހޯސްޓްކުރުމާއި އަދި ވާހަކަ ދެއްކުމުގެ ހުނަރު ހުރި ކުދިންނަށް، އެކުދިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިއަލިޓީ ޝޯއެކެވެ.
މި ޝޯގައި ބައިވެރިވުމަށް ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިއީ އުމުރުން 8 އަހަރާއި 14 އަހަރާދެމެދުގެ ކުދިންނަށް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ ޝޯއެކެވެ.
މި ޝޯގައި ބައިވެރިވުމަށް 192 ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، އޭގެތެރެއިން ޕްރީކާސްޓްކޮށްގެން ހޮވާލި 52 ކުއްޖަކު އޮޑިޝަންގައި ބައިވެރިވެފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.
މައިކް މާސްޓާސް ޖޫނިއަރ ޝޯގެ ފުރަތަމަ އެޕިސޯޑު ހުކުރު ދުވަހު ވަނީ ދައްކާފައެވެ. އަދި ދެވަނަ އެޕިސޯޑު މިމަހުގެ 12 ވާ ހުކުރު ދުވަހުގެ ހަވީރު 4:30ގައި ދައްކަން ހަމަޖެހިފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.
އޮޑިޝަން ރައުންޑަށްފަހު މެއިން ޝޯގެ އެޕިސޯޑުތައް ދައްކަން ފަށާނީ މިމަހުގެ 19ވާ ހުކުރު ދުވަހުކަމަށްވެސް ޕީއެސްއެމްއިން ބުނެއެވެ.
މައިކް މާސްޓާސް ޖޫނިއަރ ޝޯވ އަކީ، ޖަޖުންގެ މާކްސްއާއި އާއްމުންގެ ވޯޓު ހިމެނިގެން އެންމެ މޮޅު ކުދިން ހޮވޭގޮތަށް ކުރިއަށްގެންދާ ޝޯއެއްކަމުން މިމަހުގެ 19ވަނަ ދުވަހުގެ އެޕިސޯޑާއެކު އާއްމުންގެ ވޯޓަށް ހުޅުވާލާނެއެވެ.
މައިކް މާސްޓަރސް ޖޫނިއަރ ރިއަލިޓީ ޝޯގައި އަގު ހުރި އިނާމްތަކެއް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ޕީއެސްއެމްގައި ޕްރެޒެންޓްކުރުމުގެ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓާއި، މިދާއިރާއިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެއިތުރުން ފައިސާގެ އިނާމާއި އައިޕެޑް/ކޮމްޕިއުޓަރ ސިސްޓަމް، ޕީއެސް 5 ގޭމިންގ ކޮންސޯލް އަދި އެއަރ ޕޮޑް ފަދަ އިނާމްތައް ހިމެނެއެވެ.