އޭނާގެ މަސައްކަތުން ދުނިޔޭގާއި މިހާރު ސުލްހަ މަސަލަސްކަން ގާއިމް ކުރެވިއްޖެނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފީފާ އިން ފުރަތަމަ ފަހަރަށްދިން ސުލްހައިގެ އިނާމް ލިބިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ސެންޓަރުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަތްފަހުން ވަރަށް ގިނަ ހަނގުރާމަތަކާއި ހަނގުރާމަ ފަށައިގަންނަން އުޅުނު އެތައް ގައުމެއް ވެސް މިހާރު ސުލްހްކޮށްފައިވާނެ ކަމަށެވެ.
އަދި އެތައް ބަޔަކު މަރުވަމުންދަނިކޮށް ކަންކަން ހަމަޔަކަށް އަޅުވައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ. މި ގޮތުން ޕާކިސްތާނާއި އިންޑިޔާ ހަނގުރާމައެއް ފަށައިގަންނަން އުޅެނިކޮށް އެކަން ހުއްޓުވުނު ކަމަށާއި ފަލަސްތީނުގެ ޢައްޒާގެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ވެސް ނިވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މިއީ ހަގީގަތުގައި އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު، އެވޯޑަށްވުރެ އިތުރަށް އަހަރުމެން ވަނީ އެތައް ފުރާނައެއް ސަލާމަތްކޮށްދީފައި. ކޮންގޯ އަކީ މިސާލެއް. އިންޑިޔާ ޕާކިސްތާން ވެސް. ވަރަށް ގިނަ ތަފާތު ގައުމުތަކުގެ ހަނގުރާމަތައް ބައެއް ފަހަރު އެމީހުން އެކަން ފެށުމުގެ ކުރިން މި ވަނީ ނިމުމަކަށް ގެނެސްފައި،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕަށް މި އިނާމް ދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އެވޯޑަކާއި ސުލްހައިގެ މެޑަލްގެ އިތުރުން ހާއްސަ ސެޓްފިކެޓެއް ޓްރަމްޕަށް ދެއްވުމަށްފަހު އޭނާ ވިދާޅުވީ ދުނިޔޭގައި އެންމެ މުހިންމު އެއްޗަކީ ހަމަޖެހުން ކަމަށާއި ދުނިޔެ އަށް އުފާވެރިކަން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފުޓްބޯޅަ ކަމަށެވެ. އަދި ޓްރަމްޕް ވަނީ ދުނިޔޭގެ ހަމަޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.