މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އަދި އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ނިޔާވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ޤާނޫނީ ގޮތުން ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މީހާގެ ހަށިގަނޑުން މިތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި، ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފަޔާއެކު ޑޮކްޓަރުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑުގެ ތެރެއިން ޖުމްލަ 78 ބްލެޓް ނަގާފައިވެއެވެ. މި ތަކެތީގެ ބަރުދަނަކީ، 818 ގްރާމެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ މަޢުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ. އަދި މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
ފުލުހުން ވަނީ، މިމައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރެއްވުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި، މައުލޫމާތު ހާމަކުރައްވާއިރު ތެދު މައުލޫމާތު ޙިއްސާކުރުމަށް ޢިލްތިމާސްކުރައްވާފައެވެ.