ވޮލީބޯޅަ ކުރިއެރުވުމަށް ސަރުކާރުން ކުރާ ހޭދައާއި އެއްވަރަށް ނަތީޖާ ނެރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.
އެ އިދާރާއިން ބުރާސްފަތި ދުވަހު މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް ނިޒާމީ ގޮތެއްގައި ކުރިޔަށް ނުގެންދެވި އެކަށީގެންވާގޮތެއްގައި މުބާރާތްތަކަށް ތައްޔާރު ނުވެވޭތީ މުބާރާތްތަކުން ހޯދާ ނަތީޖާ ރަނގަޅުނޫން ކަމަށެވެ. އަދި ގައުމީ ވޮލީ ޓީމު އަތުން ކުރިން ބަލިވަމުންދިޔަ ގައުމުތަކުގެ މައްޗަށް ރާއްޖެއަށް މިހާރު ކުރި ނުހޯދޭކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށެވެ.
ވީއޭއެމް އިން ބުނީ ރާއްޖޭގެ ވޮލީބޯޅަ ޓީމުން އެންމެ ފަހުން ވާދަކުރި "ކާވާ ކަޕް ފޯ މެން" ގައި ރާއްޖޭގެ ވޮލީބޯޅަ ޓީމަށް ލިބުނު ނަތީޖާއިން ގައުމީ ޓީމުގެ ފަރިތަކުރުންތައް އަލުން ބާއްވަން މަޖުބޫރުވެއްޖެ ކަމަށެވެ.
ކުޅިވަރު ތަރައްޤީކޮށް ކުޅުންތެރިން ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާކަން ފާހަގަކޮށް އެސޯސިއޭޝަނުން ބުނީ ސަރުކާރުން ވޮލީބޯޅައަށް ކުރައްވާ ހޭދައާއި އެއްވަރަށް ވޮލީ ބޯޅައަށް ކުރިއެރުން ގެނެސްދިނުމަކީ އެސޯސިއޭޝަނުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ވޮލީބޯޅަ އާއިލާއެދޭ ފަދަ ކުރިއެރުމެއް ގެނެސްދިނުމަކީ އެސޯސިއޭޝަނުގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
އެހެންކަމުން ގައުމީ ޓީމުގެ ކަންކަން ހިންގުމަށް އައު ވިސްނުމެއްގެ ދަށުން ގައުމީ ޓީމުގެ ފަރިތަކުރުންތައް އަހަރުގެ ތެރޭގައި ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް އައު އަޒުމަކާއެކު މިހާރު ފަރިތަކުރުންތައް އަލުން ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ. އަދި މި ގޮތަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު ގައުމީ ޓީމުގެ ކުޅުންތެރިން ތަފާތު މުބާރާތްތަކުގައި ކުޅުމަށް ބޭނުންވާނަމަ އެފަދަ މުބާރާތްތަކުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސާ އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ވާނީ އެންގިފައިވަ ކަމަށްވެސް ވީއޭއެމްއިން ބުނެއެވެ.
ވިއޭއެމްއިން ބުނީ މިފަދަ އިންތިޒާމެއް ހަމަޖައްސަން ޖެހުނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތު ފަހިކޮށްދީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ބޭރުން އެއްވެސް މުބާރާތެއްގައި ކުޅޭނަމަ އެކަމުގެ ރެކޯޑް އެސޯސިއޭޝަނުގައި ބެހެއްޓުމަށާއި، ގައުމީ ޓީމަށް ސަރުކާރުން ކުރައްވާ ހޭދައާއި އެއްވަރު ނަތީޖާއެއް ނެރުމަށް ކަމަށެވެ.
އަދި ގައުމީ ޓީމުގެ ކުޅުންތެރިން އެކި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާނަމަ އަމަލުކުރަންޖެހޭ ގޮތް ނޭންގޭކަމަށް އެއްވެސް އޮފިޝަލަކު ނުވަތަ ކުޅުންތެރިއަކު ބުނާނަމަ އެއީ މުޅިން ސައްހަ ވާހަކައެއް ނޫން ކަމަށްވެސް ވީއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް އަހްލާގީ ގޮތުން ނަމޫނާ ކުޅުންތެރިއަކަށް ވާން ޖެހޭ ކަމަށާއި، އެސޯސިއޭޝަނުން ރިލީޒް ހޯދައިގެން ކުޅެން ޖެހޭ މުބާރާތްތަކުގައި އުސޫލުތަކާއި ހިލާފުވެއްޖެނަމަ އިސްލާހީ ފިޔަވަޅު އެޅުމަކީ އެ ކުޅުންތެރިން ތަރުބިއްޔަތު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވީއޭއެމްއިން ބުނެއެވެ.
ކުޅިވަރުގެ ތެރެއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ ޑިސިޕްލިން ކަމަށާއި، އުސޫލުތަކާއި ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާއިމެދު ކުރިޔަށް އޮތްތަނުގައިވެސް އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އަޅާނެ ކަމަށްވެސް ވީއޭއެމްއިން ބުނެއެވެ.