ޚަބަރު

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް 20 ދަރިވަރަކަށް


  • މިއީ ޑިގްރީއަށް ކިޔެވުމުގެ ސްކޮލާޝިޕްތަކެއް

  • ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ފުރުސަތުތައް ދަނީ ދެމުން

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު 20 ދަރިވަރަކަށް ދީފިއެވެ.

މި ސްކޮލާޝިޕްތަކަކީ ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ހާސިލުކުރުމަށް ދިން ފުރުސަތެކެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔެވުން ފެށޭނީ އަންނަ އަހަރުއެވެ.

އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމަކީ ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިވުމަށް ހިންގާ އެންމެ މުހިންމު އެއް ތަޢުލީމީ ޕްރޮގްރާމެވެ. މި ސްކޮލާޝިޕް ލިބުނު 20 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު އަދި އޮސްޓްރޭލިއާގެ އެލަމްނަސް ޑރ. ޢާއިޝަތު ޝިހާމެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ވިދާޅުވީ، މި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ތަފާތު އެކި ދާއިރާތަކުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ދޭނެކަމަށެވެ. އޭގެ ތެރޭގައި ފައިނޭންސް އެންޑް އިކޮނޮމިކްސް، ސޯޝަލް ވޯކް، ޤާނޫނު އަދި ސައިބަރ ސެކިއުރިޓީ، ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ސްޓަޑީޒް، އަދި އޯޝަނޯގްރަފީ ފަދަ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުން ކިޔެވޭނެކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެވޭ އަދަދުވެސް އިތުރުވަމުންދާކަމަށް ހައިކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެގޮތުން 2022 ވަނަ އަހަރު 8 ދަރިވަރަަކަށް ސްކޮލާޝިޕް ދިންއިރު، މި އަހަރު ވަނީ 20 ސްކޮލާޝިޕް ދީފައެވެ.

ސްކޮލާޝިޕް ދިނުމަށް ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ވައިބްރަންޓް މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ދުވަސްވެސް ވަނީ ފާހަގަކޮށްފައެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްކޮލަރޝިޕާއި އޮސްޓްރޭލިއާގެ ތައުލީމީ ނިޒާމަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ބޯޑެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި ތަފާތު ގިނަ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ޙާސިލްކުރުމުގެ ފުރުޞަތު މީގެ ކުރިންވެސް ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާ، ހޮސްޕިޓާލިޓީ ދާއިރާގެ އިތުރުން މެޑިސިންގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، އެތައް ދިވެހިންނެއް ވަނީ ރާއްޖޭގެ ރަސްމީ ސްކޮލާޝިޕްތަކުގައި ނުވަތަ އަމިއްލަ ހަރަދުގައި ވެސް އޮސްޓްރޭލިއާގައި ކިޔަވައިފައެވެ. އެގޮތުން 1960 ގެ އަހަރުތަކުން ފެށިގެން އޮސްޓްރޭލިއާގެ ރަސްމީ ސްކޮލާޝިޕްތަކުގައި، އޮސްޓްރޭލިއާ އެވޯޑްސްވެސް ހިމެނޭ ގޮތަށް، 750 އަށް ވުރެ ގިނަ ދިވެހިން ވަނީ އެޤައުމުގައި މަތީ ތަޢުލީމު ހާސިލްކޮށްފައެވެ.