ވިޔަފާރި

މީހުން ތަމްރީންކުރުމަށް ތިލަފުށީގައި ވޯކްޝޮޕެއް ޤާއިމްކުރަނީ


ތިލަފުށީގައި އިންޖިއަރިންގ ދާއިރާއިންނާއި އިލެކްޓްރިކް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް ޤާއިމްކުރުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މާލޭގައި ހުރި އެ ކުންފުނީގެ ވާކްޝޮޕްތައް ތިލަފުށްޓަށް ބަދަލުކޮށް، އެތަނުގައި ތަމްރީން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެކުންފުނީގެ މުވައްޒަފުންނާއި އިތުރު ފަރާތްތަކަށްވެސް މި ވާރކްޝޮޕުން ތަމްރީނު ލިބޭނެ މަގު އެ ކުންފުނިން ފަހިކޮށްދެއްވާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14726213750698.jpg|އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު މީޑިއާއަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ޖުނައިދު ވިދާޅުވީ ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އެތަނުގައި ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ތިލަފުށީ ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެ ސަރަޙައްދުގައި އުޅޭ ބޯޓުފަހަރު ނެގޭވަރުގެ ސްލިޕްވޭއެއް ކުރިއަށް އޮތްތާނގައި ޤާއިމްކުރާނެކަމަށެވެ.

އެތަނުގައި ޕްލޭންކުރެވިފައި ހުރި އޮޕަރޭޝަންތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށާއި އޭރުން ސަތޭކަ ވަރަކަށް ވަޒީފާ އުފެދޭނެކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ. މި ޕްލޭންތަކުގެ ތެރޭގައި ތިލަފުށީގައި ފެންޕްލާންޓެއް ބެހެއްޓުމާއި ސްޓާފް އެކޮމޮޑޭޝަން ބްލޮކްއެއް ހެދުމާއި ތިލަފުށްޓާއި އެމްޕީއެލްގެ ބަނދަރާ ދެމެދު ފެރީ ދަތުރުތައް ބޭއްވުންވެސް ހިމެނޭކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.