ޚަބަރު

ޣައްޒާގައި ޔަހޫދީންނަށް މަދަދުވެރިވާ މައި ޖަމާޢަތުގެ އިސްވެރިޔާ އަބޫ ޝަބާބު މަރައިލައިފި


ޔަހޫދީންނަށް ޖާސޫސްކޮށްދޭ އަދި ޤައުމަށް ޣައްދާރުވެފައިވާ ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ އަލް ޤުއްވާތުއްޝަޢުބިއްޔާގެ އިސްވެރިޔާ، ޔާސިރު އަބޫ ޝަބާބު މަރާލައިފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަަމަލާތައް ދޭން ފެށީންސުރެ ވެސް އަބޫ ޝަބާބުގެ ޖަމާޢަތުން ދިޔައީ ޔަހޫދީންނަށް ޖާސޫސްކޮށްދީ އެހީތެރިވަމުންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް އައި ފަހުން އެ ޖަމާޢަތުން ޙަރަކާތްތެރިވަމުން ދިޔައީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ސަރަޙައްދުތަކުގައެވެ. އެ ޖަމާޢަތަކީ ޣައްޒާއަށް އެތެރެކުރާ މަދު އިންސާނީ އެެހީ ފޭރޭ ކަމަށް މަޝްހޫރުވެފައިވާ ޖަމާޢަތެކެވެ. ޙަމާސުން ވަނީ އަބޫ ޝަބާބަކީ ޔަހޫދީންނަށް ވާގިވެރިވާ މީހެއް ކަމަށް އިޢުލާނުކޮށް، އޭނާ ހިފުމަށް ހަނގުރާމަވެރިންނަށް އަންގައިފައެވެ.

އެނގިފައިވާ ގޮތުގައި އަބޫ ޝަބާބު މަރުވެފައި ވަނީ ޣައްޒާގެ ވަންހަތަކަކާއެކު ހިިނގި ކުރިމަތިލުންތަކެއްގައި ލިބުނު ޒަޚަމްތަކަކަށް ފަރުވާ ދެމުން ދަނިކޮށް ޔަހޫދީ ދައުލަތުގައި ހުރި ހަސްފަތާލެއްގައެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ އިތުރު ތަފްޞީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އޭނާގެ މަރުގެ ޚަބަރާއެކު ޣައްޒާގައި ގިނަ ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ.