ވިޔަފާރި

ގިނަ ކުންފުނިތަކަކުން އައިހެވަންއަށް ޝައުޤުވެރިވޭ- ސަޢީދު


ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫޢަކީ އައިހެވަން މަޝްރޫޢުއެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތަކާއެކު ރާއްޖެއަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ޔަޤީންކޮށްދެއްވާފައެވެ. 

އައިހެވަން މަޝްރޫޢުގެ ބައެއް "ކޮމްޕޯނެންޓްތަކަށް" ސަޢޫދީ ޢަރަބިއްޔާއިން ފަންޑު ދޭން އެއްބަސްވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަޝްރޫޢަކީ ކާމިޔާބު ކަމާއެކު ހިންގިދާނެ މަޝްރޫޢެއްކަމުގެ ހެކި މިހާރު ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އެގޮތުން އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ހުޅުވާލި ފުރުސަތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމީ މި މަޝްރޫއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/9510.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު- ފޮޓޯ: ޕީއެސްއެމް

އައިހެންވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ.

އައިހެވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާ ކޮށްފައެވެ. އެފަރާތުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ.

img:http://s3.psmnews.mv/images/660x400/6919.jpg|މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކަސްޓަމްސް

އަދި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅުމަށް އެސަރަޙައްދު ބަލާ ދިރާސާތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވެއެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާ ހަދާފައިވެއެވެ. ޖިއޮގްރަފީގޮތުން އިހަވަންދިއްޕޮޅަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަޙައްދެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީވެސް އައިހެވަން މަޝްރޫޢުއެވެ. އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހެވަން ތަރައްޤީ ކުރެއްވުމެވެ.