ޚަބަރު

މިދިޔަ ދެ އަހަރު ތެރޭގައި 43 ރަށެއްގައި 226 އިޖުތިމާޢީ ބަދަހި މަދަދުވެރިން ތަމްރީންކޮށްފައިވޭ


  • އިޖުތިމާޢީ ބަދަހި މަދަދުވެރިންނަކީ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީވާ ބައެއް

  • މަދަދުވެރީން އެއްކުރާ މަޢުލޫމާތަށް ބިނާކޮށް، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދޭ

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 43 ރަށެއްގައި 226 އިޖުތިމާޢީ ބަދަހި މަދަދުވެރިން ތަމްރީންކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިޖުތިމާޢީ ބަދަހި މަދަދުވެރިން، ނުވަތަ އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕުތަކެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރަށްރަށުގައި އިބަމަ ގުރޫޕުތައް ޤާއިމުކުރުމުގެ މަސައްކަތް ފެށީ މަދަދުވެރިންނަށް ތަމްރީންދޭ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަށްފަހު ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ މިހާތަނަށް 8 އަތޮޅެއްގެ 43 ރަށެއްގައި 226 އިޖުތިމާޢީ ބަދަހި މަދަދުވެރިން ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި އިތުރު 2 އަތޮޅެއްގައި އިބަމަ ގުރޫޕުތައް އުފެއްދުމުގެ މަސައްކަތްކުރިއަށްދާކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.

އިޖުތިމާޢީ ވުޒާރާއިން ވިދާޅުވީ އިބަމަ ޕްރޮގުރާމްގެ ތެރެއިން ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުން ދެނެގަނެ، އެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރޭވުންތައް ރާވައި، ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެހީވުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ވެސް ދެނެގަނެ، އެހީފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިޖުތިމާޢީ ވުޒާރާއިން ވިދާޅުވިއެވެ.