ޚަބަރު

ރާއްޖޭގެ އެހީ ޝުކުރުވެރިކަމާއެކީ ލަންކާއިން ބަލައިގެންފި


  • ރާއްޖެއިން ފޯރުކޮށްދިން އެހީ ބަލައިގަންނަކަމަށް ވިދާޅުވި

  • މިކަމުންވެސް ދެޤައުމުގެ ދެމެދުގައި އޮތްގުޅުން ވަރުގަދަކަން ދޭހަކަކޮށްދޭކަމަށް ވިދާޅުވި

ނުރައްކާތެރި ތޫފާނެއް އެރުމުގެ ސަބަބުން ލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ފޯރުކޮށްދެމުންދާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި، މިއީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖާއި ސްރީލަންކާއަށް ދިވެހި ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ބަލައިގަންނަކަމަށެވެ.

ލަންކާގެ ރައީސް ވިދާޅުވީ ރާއްޖެއިން މި ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ދައްކުވައިދިން އޯގާތެރިކަމަކީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން ދައްކުވައިދޭކަމެއްކަަމަށްވެސް ލަންކާގެ ރައީސް ވިދާޅުވިއެވެ.

ލަންކާއަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ލަންކާ ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާއިރު، ލަންކާއަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީޑިއާތަކުގެ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރާއި ދިވެހި ސަރުކާރުންވެސް 50 ހާސް ޑޮލަރުގެ އެހީއެއް ލަންކާއަށް ފޯރުކޮށްދެއްވާފައެވެ. އޭގެއިތުރުން 25 ހާސް މަސްދަޅު ކޭސްވެސް ލަންކާއަށް ވަނީ ހަދިޔާކުރައްވާފައެވެ. ދިވެހި ސަރުކާރުގެ އިތުރުން ދިވެހި ވިޔަފާރިވެރިންވެސް ގެންދަވަނީ ލަންކާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުންވެސް ދަނީ ލަންކާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވަމުންނެވެ.