ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ބުރު ސްޕޯޓްސް ކުލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
މިއީ އުމުރުން 37 އަހަރުގެ ފައިސަލް ނިއު ރޭޑިއަންޓާ ގުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ނިއު ރޭޑިއަންޓާ ގުޅުނު ފައިސަލް ވަނީ އެފަހަރު އެޓީމުގައި ދެއަހަރު ހޭދަކޮށްފައެވެ.
ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮޕަރޭޝަނެއް ކުރުމަށްފަހު، އަނިޔާއިން ރަނގަޅުވެ މި ސީޒަނުގައި ފައިސަލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ދެއަހަރަށްފަހު ގައުމީ ފުޓުބޯޅަ ޓީމުން އަލުން ފުރުސަތު ހޯދައި، މި ފަހުން ކުޅުނު މެޗުތަކުގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީވެސް ފައިސަލެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 2018 ވަނަ އަހަރު ރާއްޖެއިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ފައިސަލް ވަނީ މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބަކަށް ކުޅެފައެވެ.
ނިއު ރޭޑިއަންޓުން ކީޕަރު ފައިސަލްގެ ސޮއި ހޯދިއިރު، އެ ޓީމުން މި ސީޒަން ފެށީ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އާއެކުއެވެ. އެކަމަކު އޭނާއަށް ސީރިއަސް އަނިޔާއެއް ދިމާވުމުން އެ ޓީމުން ވަނީ އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ސްރީ ލަންކާގެ ކީޕަރު ކަވީޝް ލަކްޕްރިޔާގެ ސޮއި ހޯދާފައެވެ. ނަމަވެސް އޭނާއަށްވެސް އަނިޔާވެ ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓުން ކުޅުނު ފަހު މެޗުގައި ކުޅެން އެރުވީ ބަދަލު ކީޕަރު އަބްދުﷲ ޒިމާމެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން ވަނީ ޓީމަށް އަނިޔާގެ ގިނަ މަސައްލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. އަދި ދެވަނަ ބުރު ފެށުމުގެ ކުރިން އަނިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި އައު ކުޅުންތެރިން ހޯދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ނިއު ރޭޑިއަންޓް އޮތީ ތާވަލުގެ ތިންވަނައިގައި 17 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ 27 ޕޮއިންޓް ލިބިފައެވެ.