ޚަބަރު

ނިމުނު ހަފުތާ: ޤާނޫނުތަކަށް ބަދަލުތަކެއް، ލަންކާއަށް ދިވެހީންގެ ދީލަތި އެހީ


  • ރައީސް ވަނީ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާފައި

  • ގިނަ ބިލުތަކެއް މަޖިލީހުން ފާސްކުރައްވާފައިވޭ

  • ގިނަ ބިލުތަކެއް ރައީސް ތަޞްދީޤުކުރައްވާފައިވޭ

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (30 ނޮވެމްބަރު) އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ޚަބަރު ފާހަގަކޮށްލެވެއެވެ. (2 ޑިސެންބަރު) އަދި މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ބައިވެރިވެވަޑައިގެންފައެވެ.

(4 ޑިސެންބަރު) މާލޭ މާފަންނު އަވަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވީ ވެސް ނިމުނު ހަފުތާގައެވެ. އެ އަވަށު ރައްޔިތުންނާ ބައްދަލަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 1 ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ގޯއްޗަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބީ 347 މީހުންކަމަށާއި އެ މީހުންނަށް ދަޢުވާކުރެވޭ ކުށުގެ ގޮތުން އެހާ ފަސޭހައިން އެ މީހުން ދޫކޮށް ނުލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

(3 ޑިސެންބަރު) ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ތަސްދީޤުވެސް ކުރައްވާފައެވެ. (1 ޑިސެންބަރު) އަދި އަތޮޅު ކައުންސިލްތައް އުވާލުމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރުން ހިމެނޭހެން ޤާނޫނުއަސާސީއަށާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވެއެވެ. (2 ޑިސެންބަރު) އަދި ފިސްކަލް ޒިންމާގެ ޤާނޫނުވެސް ނިމުނު ހަފުތާގައި ރައީސް ވަނީ ތަޞްދީޤުކުރައްވާފައެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާއަކީ ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގި ހަފުތާއެކެވެ. (4 ޑިސެންބަރު) އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. މި އިންތިޚާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

(30 ނޮވެމްބަރު) މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް 5 މެންބަރުން ޢައްޔަންކުރައްވާފައިވާއިރު، (3 ޑިސެންބަރު) އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ.

(4 ޑިސެންބަރު) ހަމައެއާއެކު ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވާފައިވާއިރު، (3 ޑިސެންބަރު) އެސްއީޒެޑު ބިލު ހިމެނޭހެން މުހިންމު ބިލުތަކެއް ފާސްކޮށް މަޖިލިސް ޗުއްޓީއަށް ދިޔައީ ނިމުނު ހަފުތާގައެވެ. މަޖިލިސް ޗުއްޓީއަށް ދިޔައިރު، ނިމުނު ހަފުތާގައި މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ހިނގިއެވެ.

މަޖިލީހުގެ މަސައްކަތްތައް:

• (1 ޑިސެމްބަރު) ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭން ފާސްކުރުން
• (1 ޑިސެމްބަރު) އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކުރުން
• (3 ޑިސެންބަރު) ކްރިމިނަލް ކޯޓުގެ ޤާޟީގެ މަޤާމުން ފާއިޒު ވަކިކުރެއްވުމަށް މަޖިލީހުން ފާސްކުރުން
• (3 ޑިސެންބަރު) އުރުދުންއާއި ފަލަސްޠީނާއި ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުންނަށް މަޖިލީހުން ރުހުން ދެއްވުން
• (3 ޑިސެންބަރު) ޒަކާތުގެ ފުރަތަމަ ޤާނޫނު މަޖިލީހުން ފާސްކުރުން
• (3 ޑިސެންބަރު) މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުން
• (3 ޑިސެންބަރު) ޓްރެއިނިންގ ރިސޯޓު ހަދަން ރަށް ކުއްޔަށް ދިނުމާ ގުޅޭ އިސްލާހު ފާސްކުރުން

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (29 ނޮވެމްބަރު) ފުރަތަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެވޯޑު ދިނުމުގެ ޙަފްލާ ބައްވާއި، 22 ދާއިރާއަކުން 21 އެވޯޑު ދިން ޚަބަރު ފާހަގަކޮށްލެވެއެވެ. (29 ނޮވެމްބަރު) އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި ކާރިސީ ދަނޑިވަޅުން އަރައިގަތުމަށް ޓަކައި ދިވެހި ސަރުކާރުން 50،000 ޑޮލަރު އަދި 25،000 މަސްދަޅުކޭސް ހަދިޔާކުރަން ނިންމީ ނިމުނު ހަފުތާގައެވެ. (30 ނޮވެމްބަރު) ލަންކާއަށް އެހީވުމަށް މީޑިއާތައް ގުޅިގެން ޚާއްސަ "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ޓެލެތޯނެއް ވެސް ބޭއްވިއެވެ. މި ޓެލެތޯނުގެ ތެރެއިން 800،352 ޑޮލަރު ޖަމާކޮށް، ލަންކާއަށް އެހީވެފައިވެއެވެ. (30 ނޮވެމްބަރު) ޓެލެތޯންގެ ތެރެއިން ދިން އިންޓަވިއުއެއްގައި އެހީއަށް އެދުމުން އެންމެ އަވަހަށް އިޖާބަދިނީ ރާއްޖެއިންކަމަށް ލަންކާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

(2 ޑިސެންބަރު) ހަަމައެއާއެކު ފުވައްމުލަކަށް ފެން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މިދިޔަ މަހުގެ ބިލު މަޢާފުދެއްވާފައިވާއިރު، (2 ޑިސެންބަރު) 17 ޤައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ ކެރަމް ވޯލްޑްކަޕު ރާއްޖޭގައި ފެށި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި މި މުބާރާތުގައި ފުރަތަމަ ފަހަރަށް ޓީމް އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ފައިނަލަށް ދަތުރުކޮށް ދެވަނަ ވަނީ ހޯދާފައެވެ.

(3 ޑިސެންބަރު) މީގެ އިތުރުން ގަމުގެ ކަރަންޓު ގޭގައި އަލިފާން ރޯވެ ދިމާވި މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓުދީފައިވާއިރު، (4 ޑިސެންބަރު) 4000 ފްލެޓްގެ ވަކިވަކި ޓަވަރުތައް ހަވާލުކުރާނެ ތާރީޚުތައް ހާމަކުރީވެސް ނިމުނު ހަފުތާގައެވެ. (4 ޑިސެންބަރު) އަދި ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފެށީވެސް ނިމުނު ބުރާސްފަތި ދުވަހުއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.