ޚަބަރު

ޕުޓިން ވިލާތަށް: ހަނގުރާމައެއް ފަށައިފިނަމަ ފަސޭހަކަމާ އެކު ބަލިކުރާނަން


ވިލާތުން ރަޝިޔާއާއެކު ހަނގުރާމައެއް ފަށައިފި ނަމަ ހަނގުރާމަ ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ކަމަށާއި، އެ ފަދަ ޙާލަތެެއްގައި އިތުރު މަޝްވަރާއެއް ކުރުމަށް ފުރުޞަތު ނުލިބޭ މިންވަރަށް ރަޝިޔާއިން ވިލާތުގެ ބާރުތައް ބަލިކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ހަނގުރާމަ ކުރަމުންދާތާ ހަތަރު އަހަރާ ގާތްވެފައިވާއިރު ޔޫކްރެއިންއާއި ވިލާތުގެ ބާރުތަކުން ބުނަމުން ދަނީ އެ ހަނގުރާމައިގައި ރަޝިޔާއަށް ކާމިޔާބީ ލިބިއްޖެ ނަމަ ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއަށް ނިސްބަތްވާ ޤައުމުތަކަށް ޙަމަލާ ދިނުން އެކަށީގެންވާ ކަމަށެވެ. ދާދި ފަހުން ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޔާތޯ ވަނީ ވިލާތުން ރަޝިޔާއާ ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން ޕުޓިން ވިދާޅުވީ ވިލާތުން ރަޝިޔާއާއެކު ހަނގުރާމަ ކުރަން ބޭނުންވެ، ހަނގުރާމައެއް ފަށައިފި ނަމަ ރަޝިޔާއިން ޙަމަލާތައް ދީ ހަލުވި ކަމާއެކު އެ ހަނގުރާމަ ނިންމާލާނެ ކަމަށެވެ. ހަނގުރާމަ ނިމޭއިރު އިތުރު މަޝްވަރާއެއް ކުރާނެ މީހަކު ވިލާތުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕުޓިން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފުރިހަމަ ބާރު ބޭނުން ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ވިލާތާ ކުރިމަތިލާ ނަމަ ހަނގުރާމަ ކުރާނީ އެ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް ހުރަސްއަޅަނީ ވިލާތުން ކަމަށެވެ. މަޝްވަރާތަކުަގައި ރަޝިޔާއިން އެއްވެސް ޙާލަތެއްގައި އެއްބަސްނުވާނެ ފަދަ ހުށަހެޅުންތައް ވިލާތުން ހުށަހަޅަނީ، ރަޝިޔާއިން އެ ހުށަހެޅުންތަކަށް ދެކޮޅުހެދުމުން ރަޝިޔާއިން ޞުލްޙަ ބޭނުން ނުވާ ކަމަށް ތުހުމަތުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނަރއާއެކު ޑިސެމްބަރު މަހުގެ 2ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ޕުޓިން ވަނީ މަޝްވަރާކުރައްވައިފައެވެ. ފަސް ގަޑިއިރަށް ދެމިގެންދިޔަ މި މަަޝްވަރާތަކުގައި ހަނގުރާމަ ހުއްޓައިލުމުގެ ދާއިރާއިން މާ ބޮޑު ކުރިއެރުމެެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހަރުދަނާ ވާހަކަތައް ދެކެވުނު ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.