ޚަބަރު

ބަރުދަން ލުއިކުރަން ހަދާ "ބެރިއަޓްރިކް ސަރޖަރީ"ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި


ދާއިމީގޮތެއްގައި ބަރުދަން ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަށައިފިއެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ ސަރޖަރީގެ ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.

ބެރިއަޓްރިކް ސަރޖަރީއަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެކެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމް ވެގެން ދިއުމަކީ މިފަދަ ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަމަށެވެ.

މި މަސައްކަތް މިއަދު މި ކާމިޔާބު ވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ސިއްޙީ ދާއިރާކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ދަނީ ޒަމާނީ ސިއްޙީ ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އައު ޚިދުމަތްތައް ފަށަމުންނެވެ. އަދިރަށް ރަށުގައިވެސް މިފަދަ އައު ޚިދުމަތްތައް ފަށައި ކާމިޔާބު މަސައްކަތް ކުރަމުން ގެންދަވައެވެ.

އަބްދުއްރައްޒާޤް ހަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީކަމަށް ވިދާޅުވެފައެވެ.

މި އޮޕެރޭޝަންތަކުން ޙާޞިލުވާ ފައިދާ ތަކުގެތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނެއެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.