މިހާތަަނަށް ދިވެހިން ލަންކާއަށް ދޭން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއާއި މީޑިއާތައް ގުޅިގެން ބޭއްވި ޓީވީ ޓެލެތޯންއަށް ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތަކުން ގޮވާލި ކޮންމެ ފަހަރަކު ދިވެހިން އެހީވާނެކަން މި ކަމުން ސާބިތުވެއްޖެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ލަންކާއަށް ބޮޑު އެހީތެރިކަމެއްދިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެމަނިކުފާނު ސާބިތުކޮށްދެއްވީ ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަވަށްޓެރިންނަށް ދިމާވާ ކަންކަމުގައި ފުރަތަމައަށް އެހީވާނެ އެއް ޤައުމަކީ ރާއްޖެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ޓީވީ ޓެލެތޯންގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއަދު މި ދައްކުވައިދިނީ ލަންކާއަކީ ދިވެހިންގެ ދެވަނަ ގެދޮރުކަން. ދިވެހިން އެއްބަޑު އެއްބަފައި ބައެއްގެ ގޮތުގައި ލަންކާގެ ރައްޔިތުން ބަލައިގަންނަކަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޓެލެތޯނަށް ލިބުނު ފައިސާ މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ލަންކާގެ ސަރުކާރާ ޙަވާލުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔައިރު، ސަރުކާރުން ވަނީ ލަންކާއަށް އެހީވުމަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ފޯރުކޮށްދީފައެވެ.