ޚަބަރު

ލަންކާ-ރާއްޖެ އަޚުވަންތަަކަމުގެ ގުޅުން ފާހަގަކޮށް، އެހީ ބަލައިގަތީ ނުހަނު ޝުކުރުވެރިކަމާއެކު


  • ލަންކާއާއި ރާއްޖެއަކީ ޒަމާންވީ ރަޙުމަތްތެރިކަމެއް އޮތް ދެ ޤައުމު

  • ލަންކާއަށް ދިމާވެފައިވާ ދަތި މި ދަނޑުވަޅުގައި ފުރަތަމަ އެހީވި އެއް ޤައުމަކީ ރާއްޖެ

  • މީސްމީޑިޔާގެ މަންސަތަކުގައި ލަންކާގެ ރައްޔިތުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފައި

ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ދިގު ތާރީޚެއްގެ މައްޗަށް ބިނާވެފައި އޮތް އަޚުވަންތަ ކަމުގެ ގުޅުމެކެވެ. ދިވެހިންގެ 4000 އަހަރުވީ ދިގު ތާރީޚުގައި ލަންކާ ނުވަތަ ސިލޯނަކީ، ވިޔަފާރީގެ ގޮތުން ރާއްޖެއާއި ގާތް ގުޅުންތަކެއް ބޭއްވި ޤައުމެކެވެ. ދިވެހި ބޯޓުފަހަރު އަހަރަކު ދެ ފަހަރު ވިޔަފާރިއާގެން ސިލޯނަށް ދަތުރު ކުރިއެވެ.

ދެ ޤައުމުގެ ބަދަހި ގުޅުން ދަލީލުކޮށްދޭ އެތައް ތާރީޚީ ހާދިސާތަކެއްވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ލަންކާގައެވެ. އަދި މިނިވަންކަން ލިބުނު ފަހުން ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމަކީވެސް ލަންކާއެވެ. މީގެ އިތުރުން 1970 ވަނަ އަހަރާ ހަމައަށް އައިރު، އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެ ކުރަމުން ދިޔަ ޤައުމަކީވެސް ލަންކާއެވެ. މިކަންކަމަކީ ދެ ޤައުމުގެ ބަދަހި، ރަޙުމަތްތެރި ގުޅުމުގެ ހެކިތަކެވެ.

ދެ ޤައުމުގެ ގުޅުން މިފަހުން މިވަނީ، އަނެއްކާވެސް އިތުރު ހަރުފަތަކަށް ޖެހިފައެވެ. އެހެނީ މިފަހުން ސްރީލަންކާއަށް ދިމާވެގެން އުޅޭ ކާރިސީ ހާދިސާގައި އެޤައުމަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އަތުކުރި އޮޅާލި އެއް ޤައުމަކީ އަވަށްޓެރި އެކުވެރި ދިވެހިރާއްޖެއެވެ.

ބާރުގަދަ ތޫފަނަކާ ގުޅިގެން ސްރީލަންކާގެ އެތައް ބަޔަކު މަރުވެ، ހިތާމަވެރި އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މަރުވެފައިވާ މީހުންގެ އަދަދު 355އަށް އަރާފައިވާއިރު، ގެއްލިފައިވާ މީހުންގެ އަދަދު 366އަށް އަރައެވެ. އަދި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ސަބަބުން 200،000 މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ. ދަނޑު ބިންތައް ހަލާކުވެ، އެތައް ބަޔަކު ދިރިއުޅުމަށްޓަކައި ކުރި މަސައްކަތް ވަނީ ވެއްޔާ މޮޑެވިފައެވެ.

ދިތުވާގެ ނަމުން ނަން ދީފައިވާ މި ތޫފާނުގެ ސަބަބުން ވައި ބާރުވެ، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބަޔަށް ފެންބޮޑުވުމުގެ އަސަރުކޮށް، އާދަޔާ ޚިލާފަށް ގެއްލުން ލިބި، މުޅި ޤައުމު އޮތީ ރަތް ސަމާލުގައެވެ.

ސްރީ ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ކާރިސީ ދަނޑިވަޅުގައި ޤައުމީ މީޑިޔާ ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ އެހެން މީޑިއާތައް ގުޅިގެން އެ ޤައުމަށް އެހީވުމަށް ވަނީ ޚާއްސަ ޓީވީ ޓެލެތޯނެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނުގެ ތެރެއިން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާވެފައެވެ. ސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި، ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކުގެ އިތުރުން ޢާންމު ރައްޔިތުން ވަނީ، ލަންކާއަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ. މި ހަރަކާތަކީ، އަވަށްޓެރި ލަންކާއާ މެދު ދިވެހިން ބަހައްޓައި ގާތްކަމާއި، ދިވެހިންގެ ހިތްތަކުގައި އޮތް ދީލަތިކަން ދައްކުވައިދިން އެހީތެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ މިސާލެކެވެ. މިއީ، ލަންކާގެ ރައްޔިތުންވެސް މިއަދު ފާހަގަކުރާ ވާހަކައެކެވެ.

ރާއްޖެ ކުޑަ ނަމަވެސް، ދިން އެހީތެރިކަމުގެ ބޮޑު ކަމެވެ. ޙާލުގައި ޖެހިފައިވާ އެތައް ޢާއިލާއަކުން ދިވެހިންގެ މި އެހީތެރިކަން ބަލަގަތީ، ޝުކުރުވެރި ޚާލިސް ހިތަކުންނެވެ. ނުހަނު ލޯތްބާއެކުއެވެ. ދިވެހިން އަބަދުވެސް ލަންކާގެ ރައްޔިތުންނާ އެކު ބަހައްޓައި ގާތްކަމާއި، އެކުވެރިކަން މީސް މީޑިޔާގެ އެކި މަންސަތަކުގައި ލަންކާގެ ރައްޔިތުން ފާހަގަކުރިއެވެ. ދެ ޤައުމުގެ ވަރުގަދަ ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރިއެވެ.

ރާއްޖެއަށް ދަތި އުނދަގޫ ޙާލަތެއް ދިމާވެއްޖެނަމަ އެއްވެސް ސުވާލަކާ ނުލައި ދިވެހިން ދިން އެހީގެ ބަދަލު، ލަންކާގެ ކޮންމެ ރައްޔިތަކުވެސް ދޭންވާނެކަން މީސްމީޑިޔާގައި ޙިއްސާކުރަމުންދާ ޕޯސްޓްތަކުގައި ދަނީ ފާހަގަކުރަމުންނެވެ. ކޮންމެއަކަސް ދިވެހިން ލަންކާއަށް ދިން އެހީތެރިކަން ބަލައިގަތީ، ނުހަނު ލޯތްބާއި ޝުކުރުވެރި ކަމާއެކުއެވެ. މި އެހީ ދުވަހަކުވެސް ހިތުން ފޮހެވިގެންނުދާނެކަން ލަންކާގެ ގިނަ ބަޔަކު ފާހަގަކުރިއެވެ.

އަޅުގަނޑުމެން އެންމެންގެވެސް ދުޢާއަކީ، އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ މި ކާރިސީ ވަބާއިން ވީ އެންމެ އަވަހަކަށް އަރައިގަތުމުގެ ތައުފީޤު އަރަހުށިވަންތަ މާތް ރަސްކަލާނގެ މިންވަރު ކޮށްދެއްވުމެވެ. އާމީން!