ޚަބަރު

ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް، އިންތިޚާބަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ނިންމާލައިފި


  • މި ޕްރޮގްރާމްތައް ބޭއްވީ، ނޮވެމްބަރު 28 އިން ޑިސެމްބަރ 1އަށް

  • ކޮންމެ ސެޝަނެއްގައި 60-90 މީހުން ބައިވެރިވި

ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށާއި، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އަތޮޅު ތެރޭގައި ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގުރާމަކީ، ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާ ގޮތާއި، އަސާސްތަކާއި، ރައްޔިތުންނަށް ލިބިދޭ ހައްޤުތަކުގެ އިތުރުން އިންތިޚާބީ ނިޒާމަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ބޭއްވި ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމު 12 އަތޮޅެއްގެ 36 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައިވެސް މި ޕްރޮގުރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި މި ޕްރޮގްރާމްތަކުގެ ތެރެއިން ވޯޓުލުމުގެ ހައްޤު ލިބިފައިވާ އެކި އުމުރު ފުރައިގެ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒު ކޮށްގެން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ނޮވެމްބަރު މަހުގެ 28އިން ޑިސެމްބަރު 1 އާއި ހަމައަށެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް ވިދާޅުވީ، އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ކޮންމެ ސެޝަނެއްގައިވެސް 60 އާއި 90އާއި ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވި ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ 12 ސަރަހައްދެއްގައި 36 ރަށެއްގައި މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ވަރަށް ކާމިޔާބުކަމާއެކު މި ނިންމާލެވުނީ. އެވްރެޖްކޮށް ހަމަ ކޮންމެ ރަށަކުންވެސް ކޮންމެ އިވެންޓަކަށް 60 އާއި 90އާއި ދެމެދުގެ އަދަދަކަށް ބައިވެރިން ލިބި އަޅުގަނޑުމެން ކާމިޔާބުކަމާއެކު ނިންމާލާފަވާއިރުގައި ތަފާތު ގޮތްގޮތަށް އެކި އަތޮޅުތަކުގައި އަޅުގަނޑުމެން މި ޕްރޮގްރާމްތައް ކުރިއަށް މިގެންދަނީ" ޝަހުލާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މާރިޗު މަހުގައެވެ. ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، އަންނަ ޖެނުއަރީ މަހުގައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާއި 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރައްވައެވެ.