ޚަބަރު

އިންތިޚާބުކުރަންޖެހޭ ކައުންސިލަރުންގެ އަދަދު މަދުވާ އިޞްލާޙު ރައީސް ތަޞްދީޤުކުރައްވައިފި


  • ކައުންސިލަރުންގެ އަދަދު މަދުވާނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއެކު

  • މިޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.

މި އިޞްލާޙާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުޠު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތްވެސް ވަނީ އިޞްލާޙުކުރައްވާފައެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. އަދި 2000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިޚާބުކުރާނީ 5 މެންބަރުންނެވެ. މީގެތެރެއިން 2 ގޮނޑި ޚާއްސަވާނީ އަންހެނުންނަށްކަމަށްވަނީ ކަނޑައަޅުއްވާފައެވެ.

މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިޚާބުތަކުގައި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުޞޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ކަމަށް މި އިޞްލާޙުގައި ވެއެވެ.

މި އިޞްލާޙާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މިއިޞްލާޙާއެކު ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.