ޚަބަރު

"ރާއްޖެ ސަރަޙައްދަށް ލޯ ޕްރެޝަރ ޓްރަފެއް ވަނީ އަރާފައި"


ރާއްޖެއަށް މިދުވަސްކޮޅު ވައިބާރުވެ، ވިއްސާރަކުރަމުންދަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއް ރާއްޖެ ސަރަޙައްދަށް އެރުމުންކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ އިދާރާގެ ޑިރެކްޓަރ އަޙްމަދު ރަޝީދު ވިދާޅުވީ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ދެކުނުގެ ސަރަޙައްދުގެ ނިސްބަތުން ވައިގަދަވާނެކަމަށެވެ. މި ސަރަޙައްދުތަކަށް ވައިގަދަވެފައިވީނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދެދުވަހުވެސް ވައިގަދަވެ، ވިއްސާރަކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ލޯޕްރެޝަރ ޓްރަފަކީ ލޯ ޕްރެޝަރ ސިސްޓަމަކުން އެކްސްޓެންޑް ވެފައި ހުންނަ ބަޔަކަށް ކިޔާނަމެއް.. ލޯ ޕްރެޝަރ ސިސްޓަމް ހުރި އުތުރު ޢަރަބި ކަނޑުގައި... އެއިން އުފެދިފައިވާ ޓްރަފެއް ރާއްޖެއާ ހިސާބަށް ފެތުރިގެން މި އުޅެނީ. ޓްރަފަކީ ވައި އެހިސާބަކަށް ޖަމާވާ ހިސާބު، އެ ޖަމާވެގެން ވިލާތައް އުފެދިގެން ވިއްސާރަ ކުރަނީ.." ރަޝީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14723825273272.jpg|ވިއްސާރައިގެ ސަަބަބުން ތިނަދޫގައި ފެން ބޮޑުވެފައި / ފޮޓޯ: އެމްއެންޑީއެފް

މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރުގަދަވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި އޭގެ އަސަރު އަދިވެސް ކުރަމުންދާކަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑިރެކްޓަރ، އަޙްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. މޫސުމާބެހޭ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިޔަށް އޮތް ދެދުވަހު ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އެހެންނަމަވެސް މި ވިއްސާރައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުފެދުނު އުސް ބާނިތައް، މިހާރު ކުޑަވެފައިވާތީ، އުނދައެރުމުގެ ފުރުޞަތު ކުޑަކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި ކަނޑުމަތީގެ އެކި ޙަރަކާތްތަކުގައި އުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއާއި ކޯސްޓްގާޑާއި ފުލުހުން ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.