ކުޅިވަރު

ރައީސް ޔާމިނަށް ރިލޭ ބެޓަންއެއް ވެދުމަށް އަރުވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށާއި ކުޅިވަރު ކުޅޭ އެތްލީޓުންނަށް ދެއްވާ ހިތްވަރު ފާހަގަކުރެއްވުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި އެމަނިކުފާނަށް ރިލޭ ބެޓަންއެއް ވެދުމަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ވެދުމެއްގެ ގޮތުގައި " ރިލޭ ބެޓަން" އެމަނިކުފާނަށް އެރުވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" އިންތިޒާމްކުރެއްވި އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫޤާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫޤް ވަނީ "ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި، އެ ޓްރެއިނިން ފުރިހަމަކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14723151260990.jpg|ރައީސް ޔާމީން މިއަދު ސާއިދުއާއެކު ޓްރެއިނިންގ ހައްދަވަނީ. ފޮޓޯ ރައީސް އޮފީސް

"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއިއެކު ތަމްރީނު ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤު ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ވަނީ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ. ޙަސަން ސާޢިދުއަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ އެތުލީޓެކެވެ.

މި ޙަރަކާތުގެ ދަށުން މިހާތަނަށް ރާއްޖޭގެ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ތަމްރީނުތަކުގައި ދިވެހި އެތުލީޓުންނާއި އެކު ބައިވެރިވެ އެ ފަރާތްތަކުގެ ހުނަރު ގާތުން ތަޖުރިބާކުރައްވާފައެވެ.

"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ޙަރަކާތުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވި ބޭފުޅުންނަށް މި ޗެލެންޖް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާ ޕެރެލިމްޕިކްސް ނުވަތަ ސްޕެޝަލް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.