ސިއްހަތު

މިހާރު އައިޖީއެމްއެޗުންވެސް ޒިކާއަށް ޓެސްޓް ކުރެވޭނެ


ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރިޔަށްގެންދަވާ ޒިކާ ސަވައިލެންސް ޕްރޮގްރާމްގެ ދަށުން،ރާއްޖޭގައި ޒިކާ އަށް ޓެސްޓް ކުރެއްވުމުގެ ޚިދްމަތް އައި.ޖީ.އެމް އެޗްގައި ހަމަޖައްސަވައިފިއެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ މިކަމަށް ބޭނުންވާ ޕީ.ސީ.އާރް މެޝިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯގެ) ހިލޭ އެހީގެ ދަށުން ލިބުނު މެޝިނެއްކަމަށާއި، އަދި މިޓެސްޓުތައް ހެދުމުގައި ޙަރަކާތްތެރިވާ އައި.ޖީ.އެމް ހޮސްޕިޓަލުގެ ކްލިނީޝަނުންނަށް، މިމެޝިން އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީނުވެސް ޑަބްލިއު.އެޗް.އޯގެ އެހީގައި ދެވިފައިވާކަމަށެވެ.

ޕީ.ސީ.އާރް މެޝިނާބެހޭ ފަންނީ މައްލޫމާތު ޕީ.އެސް.އެމް ނިއުސްއާއި ޙިއްސާކުރައްވަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްސަލް ވިދާޅުވީ، މިމެޝިނަކީ، ޒިކާގެ އިތުރުން ޗިކެންގުންޔާ ފަދަ ބަލިތައްވެސް ދެނެގަނެވޭނެ މެޝިނެއް ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14708405315550.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތްކުރުމުގެ މަސައްކަތާބެހޭ މަޢުލޫމާތު މިނިސްޓަރ އޮޅުންފިލުއްވަނީ - ފޮޓޯ: އައިޖީއެމްއެޗް

ޒިކާ ވައިރަހަށް ޓެސްޓު ކުރެވޭ ޕީ.ސީ.އާރް މެޝިން އިންސްޓޯލްކޮށްފައިވަނީ އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގައެވެ.

ޑރ. އަފްސަލް ވިދާޅުވީ، ޒިކާ ވައިރަހަށް ދުރާލާ ތައްޔާރުވުމަށް، އެޗް.ޕީއޭއިން ކުރިޔަށްގެންދާ ސަވައިލެންސް ޕްރޮގްރާމްގެ ދަށުން، ޒިކާ ގައިޑްލައިންސްއެއް ހެދި، ރާއްޖޭގައި ޒިކާގެ އަސަރު ހުރިތޯ ދެނެގަތުމުގެ މަސައްކަތްވެސް ކުރިޔަށްގެންދެވިފައިވާކަމަށެވެ. އަދި ޚާއްޞަ ގޮތެއްގައި އަލަށް އުފަންވާ ކުދިންގެ ހަށިގަނޑުގައި ޒިކާގެ އަސަރު ހުރިތޯ ބެލުމަަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ޑރ.އަފްސަލް ވިދާޅުވިއެވެ. \މިފަދައިން އަމަލު ކުރަން ޖެހުނީ މައިކްރޮސެފަލީގެ ސަބަބުން ޒިކާއަށް މަގުފަހިވާކަމަށް ސައިންސްގެ ހޯދުންތަކުން އިގޭތީކަމަށް ޑރ.އަފްސަލް ވިދާޅުވިއެވެ.

މި ޞަރަހައްދުގެ ޤައުމުތަކުގެ ތެރެއިން މިހާރު ސިންގަޕޫރުގައި ޒިކާ ފެތުރެމުންދާތީ، އެޗް.ޕީ.އޭ އިން ދަނީ މިކަމަށް އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.