ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ދެ މީހަކަށް ބަޑިން ޙަމަލާދީ ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ މި ޖަރީމާ ހިންގާފައި ވަނީ ޖިނީންގައެވެ. މަންޒަރު ފެނުނު މީހުންނާއި ނޫސްވެރިން ބުނީ، ޔަހޫދީ ސިފައިންގެ މި ޖަރީމާ ހިންގާފައި ވަނީ އެ ދެ މީހުން އަމާން ދިން ފަހުން ކަމުގައެވެ.
ޖިނީންގައި ދެ މީހަކު ޝަހީދު ކޮށްލާފައި ވަނީ އެ ރަށުގައި ހުރި ގެއަކަށް ޔަހޫދީ ސިފައިން ޖެހި ރޭޑެއްގެ ތެރެއިންނެވެ. އެ ދެ މީހުން ތިބީ ހަތިޔާރު އަޅައިގެން ނޫން ކަމުގައި މަންޒަރު ފެނުނު މީހުންނާއި ނޫސްވެރިން ވެސް ރިޕޯޓޫ ކުރިއެވެ. ޔަހޫދީ ސިފައިން ވަނީ އެ ދެ މީހުން ތިބި ގެ ވަށައިލައި، ގެއިން ނިކުތުމަށް އަމުރު ކޮށްފައެވެ. އަދި، އެ ދެ މީހުންނަށް ބަޑިން ޙަމަލާދީ، ޝަހީދު ކޮށްލާފައި ވަނީ، އެ ގެއިން ނިކުމެ، އަމާން ދިނުމަށް ފަހު، ބިންމަތީގައި އޮށޯތް ފަހުންނެވެ. މި މަންޒަރުތައް ނޫސްވެރިންގެ ކެމެރާތަކަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައި ވަނީ 26 އަހަރުގެ މުންތަޞިރް ޢަބްދުالله އަދި 37 އަހަރުގެ ޔޫސުފް ޢައްސަސާ ކަމުގައެވެ. ޔަހޫދީ ފައުޖާއި ޔަހޫދީ ފުލުހުން ބުނީ، އެ ދެ މީހުން ޝަހީދު ކޮށްލި ހާދިސާގެ ތަޙުޤީޤެއް ހިންގަމުންދާ ކަމުގައެވެ. ނަމަވެސް، ހަތިޔާރު ނެތް ދެ މީހަކު އަމާން ދިން ފަހުން ޙަމަލާދީ ޝަހީދުކޮށްލި ސަބަބު ބަޔާން ކޮށްދީފައެއް ނުވެއެވެ. ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރް ބުނީ، ދެ މީހުން ޝަހީދު ކޮށްލުމުގައި ބައިވެރިވި ޔަހޫދީ ސިފައިންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކޮށްދޭނެ ކަމުގައެވެ.
ޖިނީންގެ ގަވަރުނަރު ކަމާލް އަބޫ އަލް-ރައްބީ ވިދާޅުވީ، ޔަހޫދީ އިސްތިޢުމާރީ ސިފައިން ޖިނީންގައި މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ކުށެއް ނެތް ޢާންމުން ޝަހީދު ކުރަމުންދާ ކަމުގައެވެ. އަދި، އެންމެ ފަހުން ޝަހީދު ކޮށްލާފައިވާ ދެ މީހުންގެ އަތުގައި ހަތިޔާރު ނެތް ކަން އޭނާ ވެސް ކަށަވަރު ކޮށްދެއްވިއެވެ. ޖިނީންގެ އިތުރުން ޠޫބަސްއާއި ތާމޫންގައި ވެސް ޔަހޫދީން ދަނީ މި ފަދަ ޖަރީމާތަކެއް ހިންގަމުންނެވެ.