ޚަބަރު

އިންޑޮނޭޝިޔާގެ 71 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި


އިންޑޮނޭޝިޔާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ރާއްޖޭގައި ބާއްވައިފިއެވެ.

މިއީ އިންޑޮނޭޝިއާގެ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. ރާއްޖެއާ އިންޑޮނޭޝިއާގެ ދޭދޭ ގުޅުމަށް 42 އަހަރުވެފައިވާއިރު، މިގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިއްޔެ ވަނީ އިންޑޮނޭޝިޔާގެ އޮނަރަރީ ކޮންސުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވާފައެވެ.

އިންޑޮނޭޝިޔާގެ މިނިވަންދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ޚާއްސަ މެހެމާނެއްގެ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ބައިވެރިވެވަޑައިގެންނެވިއެވެ. މިހަފްލާގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، އިންޑޮނޭޝިޔާއަކީ، ރާއްޖެއިން ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން އެންމެ ފުރަތަމަ ޤާއިމްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޤައުމެއް ކަމަށާއި، ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާ ކުރާ މިދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރ އާސިމް ވިދާޅުވީ، އިންޑޮނޭޝިޔާއާ ރާއްޖެއަކީ ވިޔަފާރީގެ ދާއިރާގައި ޒަމާންވީ ގުޅުމެއް އޮންނަ ދެޤައުމު ކަމަށާއި، މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިޒޯޓުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ލަކުޑިއާއި، އެއާގުޅޭ ތަކެތި ރާއްޖެއަށް އިމްޕޯޓުކުރާ ކަމަށެވެ. އަދި އެ ތަކެތި އިމްޕޯޓުކުރާ މިންވަރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހާއި ހަމައަށް 300 މިލިޔަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ، އެހެނިހެންވެސް އިޤްތިޞާދަށް ފައިދާކުރުވަނިވި ދާއިރާތަކުގައި އިންޑޮނޭޝިޔާއަށް ނިސްބަތްވާ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިންޑޮނޭޝިޔާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހިންނަށް ހިލޭ ލިބޭގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އިންޑޮނޭޝިއާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރިމަވަން ސްޔިޓްނޯ ވަނީ އެޤައުމާއި، ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. ދެޤައުމުންވެސް ކަންބޮޑުވާ އެތްގޮތް ކަންކަން ހުންނަ ކަމަށާއި، ހަމައެއާއެކު ބައިނަލްއަޤްވާމީ ފޯރަމްތަކުގައިވެސް ދެޤައުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14725397972113.jpg|އިންޑޮނޭޝިއާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރިމަވަން ސްޔިޓްނޯ- ފޮޓޯ: ޕީއެސްއެމް

އަދި ދެ ޤައުމުންވެސް މެރިޓައިމް ސެކްޓަރ ކުރިއެރުވުމުގެ މުހިންމު ކަމަށާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވާންޖެހޭ ކަންކަން ބައިނަލްއަޤްވާމީ ދުނިޔެއަށް ހާމަކުރުމަށް ރާއްޖޭގެ އެހީ އިންޑޮނޭޝިޔާއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މުސްލިމު އާބާދީ އެންމެބޮޑު ޤައުމަކީ އިންޑޮނޭޝިޔާ ކަމަށްވީއިރު، މިއީ ޓެރަރިޒަމާއި، އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިއުމުގެ ހަރަކާތްތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްކަން ފާހަގަކުރައްވަމުން އެމްބެސެޑަރ ހަރިމަވަން ވިދާޅުވީ ދެޤައުމު ގުޅިގެން އިސްލާމް ދީނަކީ ސުލްޙައަށް ލޯބިކުރާ ދީނެއްކަން ދުނިޔެއަށް ދައްކައިދެވިދާނެ ކަމަށެވެ.

މިހަފްލާގައި ދިވެހި ޚާރިޖިއްޔާގެ އިސްބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ޤައުމުތަކުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އިންޑޮނޭޝިޔާގެ ބައެއް އާންމުރައްޔިތުންވެސް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ބައިވެރިވިއެވެ.