ޚަބަރު

ބަޔާން ބަލިކޮށް އާސެނަލް އިން ރެކޯޑް ދަމަހައްޓައިފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މެޗަކުން ބަލިނުވެ އޮތް ރެކޯޑް ދަމަހައްޓައިފި އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާޥަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ބަޔާން މިއުނިކަށް ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.

ބަޔާން މިއުނިކް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި މެޗުގައި އާސެނަލް އިން ވަނީ ބަޔާން އަށްވުރެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލް އިންނެވެ. މި ލަނޑަކީ މެޗުގެ 22 ވަނަ މިނިޓުގައި ޖުރިއެން ޓިމްބަރ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ބަޔާން މިއުނިކްގެ ޒުވާން ކުޅުންތެރިޔާ, އުމުރުން 17 އަހަރުގެ ލެނާޓް ކާރލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އާސެނަލް އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 69 ވަނަ މިނިޓުގައި ނޮނީ މަޑުއޭކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ 48.5 މިލިއަން ޕައުންޑުގެ ފީއަކަށް ޗެލްސީ އިން އާސެނަލް އަށް ބަދަލުވި ފަހުން އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 77 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އާސެނަލް އަތުން ބަޔާން މިއުނިކް ރަށުން ބޭރުގައި ބަލިވިއިރު މިއީ މި ސީޒަނުގައި އެ ޓީމު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.