ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
މިހާދިސާއާއި ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލެ ބައު އިންޖީނުގޭ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މި ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފަށް ފަރުވާ ދެމުންދަނީ، ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ، އޭނާއަށް އީއާރުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
މާލެ ސަރަޙައްދަށް މިވަގުތު ވިއްސާރަ ކުރަމުންދާއިރު، މާލެއާއި ހުޅުމާލެ ހިމެނޭހެން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް ކަރަންޓު ކެނޑުމާއި އަލިފާނުގެ ހާދިސާއާއި ގުޅުމެއްވާ ކަމަށް ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.