ސިއްހަތު

ދުންފަތާ ދުރުހެލިވުމަށް އެހީތެރިވާނެ ޓޫލް ކިޓެއް ތަޢާރަފްކޮށްފި


ދުންފަތުގެ އިސްތިޢްމާލުކުރުމުން ދުރުހެލިކުރުމުގައި އެހީތެރިވެދެއްވުމަށްޓަކައި، ޑޮކްޓަރުން ބޭނުންކުރައްވާނޭ ޓޫލްއެއް މިއަދު އިފްތިތާޙު ކުރައްވައިފިއެވެ.

"ނޭޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލް ކިޓަކީ، ދުންފަތުގެ އިސްތިޢުމާލްކުރާ މީހުން އެކަމަށް ރައްކާތެރިކޮށްދީ، ސަލާމަތްކޮށްދިނުމުގައި އެފަރާތްތަކަށް، ޞިއްޙީ ޚިދްމަތްދޭ ތަންތާނގައި، ޑޮކްޓަރުންގެ ފަރާތުން އެހީތެރިކަން ދިނުމަށް ޑޮކްޓަރުންނަށް ތައްޔާރުކުރެވިފައިވާ ޓޫލް ކިޓެކެވެ. މި ކިޓް ޞިއްޙީ ޚިދްމަތްދޭ ހުރިހާ އިދާރާތަކާއި ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށްވެސް ތަޢާރާފް ކުރައްވާނޭކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި ޓޫލްގެ ޚާއްޞަ ސިފަތަކާބެހޭ ގޮތުން ޕީ.އެސް.އެމްއާ ވާހަކަދައްކަވަމުން، ދަމަނަވެށީގެ، ޓޮބޭކޯ ސެޒޭޝަން ކްލިނިކްގެ ސީނިއަރ އެޕިޑިއޯމޮލޮޖިސްޓް، ޑރ.ޢާއިޝަތު އަރޫނާ ޢަބްދުﷲ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާ މީހުން އެކަމުން ދުރުކުރުމަށް، ޞިއްހީ ޚިދްމަތްތެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިކިޓްގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވެފައިވާ މީހުން އެކަމުން ދުރުހެލިވުމަށް ބާރު އެޅުމަށް، ޞިއްޙީ ޚިދްމަތްތެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެކަމަށެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ރާއްޖޭގެ ކޮންމެ 10 ފިރިހެނުންގެ ތެރެއިން، ހަތަރު މީހުން އަދި ކޮންމެ 20 އަންހެނުންގެ ތެރެއިން، އެކަކު ދުންފަތުގެ އިސްތިޢްމާލްކުރެއެވެ.