ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންގެ ބެޔާ ލެވަކޫސަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ސިޓީ ނިކުތްއިރު އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ޕްރިމިއާ ލީގުގައި މި ހަފްތާގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވި މެޗަށް ނިކުތް ޓީމަށް ޖުމްލަ ދިހަ ބަދަލެއް ގެނެސްފަ އެވެ.
ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖުމްލަ 19 ފުރުސަތެއް ތަނަވަސް ކޮށްފައިވާއިރު އޭގެ ތެރެއިން ހަތް ހަމަލާ ވަނީ ލެވަކޫސަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
ލެވަކޫސަން އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނިޓުގައި އަލެހަންދްރޯ ގްރިމަލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ލެވަކޫސަންގެ ޗެކް ރިޕަބްލިކްގެ ފޯވަޑް ޕެޓްރިކް ޝިކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީގެ ކޯޗެއްގެ ގޮތުގައި ގަޑިއޯލާ ނިކުތް 100 ވަނަ މެޗުން އެ ޓީމު ބަލިވެފައިވާއިރު މި ސީޒަނުގައި ސިޓީ އަށް ވަނީ އެދެވޭ ނަތީޖާތަކެއް ހޯދޭ ގޮތް ނުވެފަ އެވެ.
މި ނަތީޖާ އާއިއެކު ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނަ މަގާމުގަ އެވެ. ލެވަކޫސަން އަށް ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ 13 ވަނައިގަ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު 9 އިން 24 ވަނައަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ.