ޚަބަރު

ޓީސީ އަތުން ޕޮއިންޓެއް ލިބުނަސް، މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން: ނިސްތާރު


  • އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން

  • މިހާރު އޮތް ހާލަތާއެކު ގްރީން އޮތީ އަމިއްލައަށް ޕްރެޝަރަށް ގޮސްފައި ކަމަށް ވަނީ ބުނެފައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ޕޮއިންޓެއް ހޯދުނު ނަމަވެސް، މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.

ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނިސްތާރު ބުނީ މެޗާ ކުރިމަތިލީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށާއި، އެހެންކަމުން މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.

އަދި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ވިއްސާރަވުމުގެ ސަބަބުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ ކަމަށާއި، އަދި މެޗުގެ ކުރީކޮޅު އައި ވަރަށް ގިނަ ފައުލްތައް ނުދީ ދިޔުމާ ގުޅިގެން މެޗުގެ އޮއިވަރު ބަދަލުވި ކަމަށްވެސް ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް ޕޮއިންޓާއެކުގައެވެ. ނިސްތާރު ބުނީ މިހާރު އޮތް ހާލަތާއެކު އެ ޓީމު އަމިއްލައަށް ޕްރެޝަރަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު ގްރީން ސްޓްރީޓްސްއަކީ މިއަށްވުރެ ރަނގަޅު ޓީމެއް ކަމަށާއި، މިހާރު އޮތް ހާލަތު ރަނގަޅުކުރެވޭނީ އަމިއްލައަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ.