ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ހޯދުނީ މުހިންމު މޮޅެއް ކަމަށާއި، ލީގު ކާމިޔާބުކުރަން ބޭނުންވާނަމަ ފަހު ވަގުތާ ހަމައަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ 1-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ބަލިކޮށް އޮޑި ސްޕޯޓްސް ވަނީ ލީގުގެ ދެވަނައަށް ޖެހިލާފައެވެ. މި މޮޅާއެކު އޮޑި ސްޕޯޓްސްއިން ލީގުގެ ދެވަނައަށް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ.
ލީގުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި ވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. އެ ޓީމުން އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 24 ޕޮއިންޓާއެކުއެވެ. ނިއު ރޭޑިއަންޓް ފުރަތަމަ ފަހަރަށް ލީގުގައި ބަލިވިއިރު، އެ ޓީމު ތިންވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.
ނިއު ރޭޑިއަންޓް މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ސްޕެއިންގެ ކޯޗު ގާސިއާ ބުނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި، އެގޮތުން މެޗާ ކުރިމަތިލިއިރު ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއިރު، ނިއު ރޭޑިއަންޓުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވުނު ކަމަށާއި، އޮޑި ސްޕޯޓްސްގެ އަމިއްލަ ގޭމު ކުޅެ، ދެވަނަ ހާފުގައި ކާމިޔާބުކުރެވުނު ލަނޑާއެކު މެޗުން މޮޅުވެވުނީ ކަމަށްވެސް ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ ސީޒަންގެ ފުރަތަމަ ބުރު ނިމުމާ ގާތްވެފައިވާއިރު އޮޑި ސްޕޯޓްސް އޮތީ ތާވަލުގެ ދެވަނައިގައި ކަމަށާއި، އެހެންކަމުން ނިއު ރޭޑިއަންޓް އަތުން ހޯދުނީ މުހިންމު މޮޅެއް ކަމަށެވެ. އަދި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތްއިރު، ފަހު ވަގުތާ ހަމައަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެއްވަނައިގައި އޮތް މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އެ ޓީމާ ވާދަކުރެވޭނެ ކަމަށާއި، މި ވަގުތު ތާވަލުގެ ދެވަނައިގައި އޮތީ މުޅި މެނޭޖުމަންޓާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ގާސިއާ ވަނީ ބުނެފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން އެންމެ މެޗަކުން އޮޑި ސްޕޯޓްސް ބަލިވެފައިވާއިރު، ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެ ޓީމު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.