ޚަބަރު

ސަމާލުވޭ! ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ


  • ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައި

  • ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޢިލްތިމާސް ކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެއިދާރާއިން ވަނީ، މޫސުުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު 9 އަކުން މެންދުުރުފަހު 3 ޖެހުމާއި ހަމައަށް އެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ އެމްއެންޑީއެފްއިން ވަނީ، ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މުޅި ރާއްޖޭގެ މޫސުމަށް ބަލާލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި އުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި، 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 10 މޭލާއި، 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2 ފޫޓާއި، 5 ފޫޓު ހުންނާނެ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރޭގައި ރާޅުގެ އުސްމިނުގައި 3 ފޫޓާއި، 6 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ޢިލްތިމާސް ކޮށްފައެވެ.