17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗުން ތުރުކުމެނިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ މި މަހުގެ 30 ގެ ނިޔަލަށް ތައިލެންޑުގެ ޗޮންބުރީގައެވެ. ޗޮންބުރި ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ ބަލިވީ ތުރުކުމެނިސްތާން އަތުން 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަަ ހާފު ތުރުކުމެނިސްތާނުން ނިންމާލީ ދެ ލަނޑު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ތުރުކުމެނިސްތާނުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ.
މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮންގޯލިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫފް އެފްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ކޮލިފައިން ބާއްވާ ގައުމު ކަމަށްވާ ތައިލެންޑާއި، ކުވައިތު އަދި ތުރުކުމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ. މި ވަގުތު ގްރޫޕް އެފްގެ ތާވަލަށް ބަލާއިރު، ރާއްޖެ ނޫން އަނެއް ހަތަރު ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ދެ މެޗު ކުޅެފައިވަނީ ތުރުކުމެނިސްތާނާއި ރާއްޖެއިންނެވެ.
ކޮލިފައިންގައި ރާއްޖެއިން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ކޮލިފައިން ކުރިއަށްދާ ގައުމު ކަމަށްވާ ތައިލޭންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަަނަ ދުވަހެވެ. މި ފަހަރުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ސޮބާހު މުޙައްމަދެވެ.