ޚަބަރު

އިންޑޮނޭޝިޔާގެ އޮނަރަރީ ކޮންސުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި


އިންޑޮނޭޝިޔާގެ އޮނަރަރީ ކޮންސުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ރާއްޖޭގައި އިންޑޮނޭޝިއާގެ ކޮންސުލޭޓް އޮފީހެން ހުޅުވުން ފާހަގަކޮށް މިއަދު ވަނީ ޚާއްޞަ ޙަފްލާއެއް ބާއްވާފައެވެ. އިންޑޮނީޝިޔާގެ އޮނަރަރީ ކޮންސުލޭޓް އޮފީސް ހުޅުވާފައިވަނީ ހެންވޭރު އެއްގަމުގޭގެ ދެވަނަ ފަންގިފިލާގައެވެ.

ކޮންސުލޭޓް އޮފީސް ހުޅުވުމަށްޓަކައި ބޭއްވި ހަފްލާގައި އިންޑޮނޭޝިއާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރިމަވަން ސުޔިޓްނޯ ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަރިމަވަން ސުޔިޓްނޯ ވިދާޅުވީ ރާއްޖޭގައި އިންޑޮނީޝިޔާގެ އޮނަރަރީ ކޮންސުލޭޓް އޮފީހެއް ހުޅުވިގެން ދިޔުމުން ރާއްޖެއާއި އިންޑޮނޭޝިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޤަބޫލްފުޅުކުރައްވާކަމަށާއި، މި އޮފީހުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑޮނޭޝިއާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދު ދުވަހެއް ދުވަހަކަށް ކުރިއަރައިގެންދާއިރު، ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ އިންޑޮނޭޝިއާގެ ރައްޔިތުންނަށް މިއޮފީހުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑޮނޭޝިއާއިން ކަނޑައަޅާފައި ހުންނަވާ އޮނޮރަރީ ކޮންސުލް އަކީ ނާޝިދު ހުސެއިންއެވެ. މި ރަސްމިއްޔާތުގައި ނާޝިދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އިންޑޮނޭޝިއާ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ މިފުރުސަތަކީ ލިބިވަޑައިގެންނެވި އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

ރާއްޖޭގައި އިންޑޮނޭޝިއާގެ ކޮންސުލޭޓް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ ބައެއް ރައްޔިތުން ބައިވެރިވެފައިވެއެވެ. ކޮންސުލޭޓް އޮފީހުން މަޢުލޫމާތުދޭގޮތުގައި ރާއްޖޭގައި އިންޑޮނޭޝިއާގެ އެއްހާސް ހަތަރުސަތޭކައެއްހާ މީހުން ދިރިއުޅެއެވެ.