ޚަބަރު

"ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް 137 ރަށެއްގައި ދަނީ ކުރަމުން"


  • އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވޭ

  • ރަށްރަށަށް ކުނި މެނޭޖްކުރަން ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް 137 ރަށެއްގައި މިހާރުވެސް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ވީޑިޔޯ މެސެޖުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަކީ ތިމާވެށި ރައްކާތެރިކުރުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަން ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދެއްވައިގެން ގިނަ މަސައްކަތްތަކެއް ފެށްޓެވިކަން ވަޒީރު ހާމަކުރެއްވިއެވެ.

މިގޮތުން ފެށި މަސައްކަތްތަކުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިވަގުތު 137 ރަށެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރަން ބޭނުންވާ އާލާތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށާއި މި މަސައްކަތް ނިމޭއިރު، ކޮންމެ ރަށެއްގައިވެސް އެކަށޭނަ ކުނި މެނޭޖްކުރާ ވަޞީލަތެއް ޤާއިމުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފެށުނު މަގޭ ސާފު ރާއްޖެ މަހާސިންތާއަށްވެސް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މި މަހާސިންތާގައި ދާއިރާގެ ތަޖުރިބާކާރުންނާއި ޢަމަލީ ގޮތުން މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްވެ، މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ.

"މި ބައްދަލުވުމުގައި ބައިވެރިވުމަށް އަމަލީ ގޮތުން މަސައްކަތްކުރާ މީހުންނާއި ދާއިރާގެ ފަންނީ ތަޖުރިބާކާރުން ވަޑައިގެންދެއްވުމަކީ މި މަސައްކަތް އިތުރަށް ހަރުދަނާކުރަންދޭ އަހަންމިއްޔަތު އެނގޭ ކަމެއް. މި މަސައްކަތް ކުރިއަރާނީ އެންމެންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު. ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކާ ގުޅޭ މުހިންމު ވާހަކަތަކެއް މި މަހާސިންތާގައި ހިއްސާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ދަށުން "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށްދާ މަހާސިންތާގައި ރާއްޖޭގެ 7 އަތޮޅެއްގެ އެކި ރަށްރަށުން ބައިވެރިވެއެވެ.