އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެ ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ހޯދާފަ އެވެ. ލީޑްސް ޔުނައިޓެޑަށް ލިބިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.
ލީޑްސްގެ އީލޭންޑް ރޯޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 8 ވަނަ މިނިޓުގައި ލީޑްސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލޫޚަސް އެންމޭޗާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ލިބިގެންގޮސްފައިވީ ނަމަވެސް ލީޑްސްގެ ހަމަލަތައް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެސްޓަން ވިލާގެ މޯގަން ރޮޖަރސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ޓީމަށް ގެނައި ބަދަލާއެކު ދެވަނަ ހާފުގައި ކުޅެން އެރި ޑޮންޔެލް މަލެން ދިން ޕާހަކުން ރޮޖަރސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އެސްޓަން ވިލާ އިން ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައިވަނިކޮށް މެޗުގެ 75 ވަނަ މިނިޓުގައި އޭރިޔާ ބޭރުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ރޮޖަރސް ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.
އެސްޓަން ވިލާ އިން ލަނޑު ޖަހާ ލީޑު ނެގިތާ މިނިޓެއްވެސް ނުވަނީސް ލީޑްސް އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ކެލްވަޓް ލެވިން އެ ލަނޑު ޖަހާފައިވަނީ އަތުން ކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި މެޗުން ލީޑްސް ޔުނައިޓެޑް ބަލިވެފައިވާއިރު މިއީ އެ ޓީމު ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.